ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމިއްލަ ފަރާތްތަކަށް އާ ޓޭކްސީތަކެއް ދޫކުރާނަން: ރައީސް

މިއަހަރު ތެރޭގައި ސަރުކާރުން އާ ކާރު ގަނެސް، މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުންނަށް ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން ރައީސް ސޯލިހް ވާހަކަދައްކަވާފައި މިވަނީ މާލޭގައި މިހާރު ދުއްވާ ޓެކްސީތައް ސަރުކާރަށް ގަނެ ޓެކްސީ ޑްރައިވަރުންނަށް އެހެން ވަޒީފާއެއް ނުވަތަ އާމްދަނީ ލިބޭ އެހެން ގޮތެއް ހޯދައިދެއްވާނެ ކަމަށް ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ބ. އޭދަފުށީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިނަމަ ސަރުކާރަށް ޓެކްސީ ނަގާނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ކަމުދާ ވާހަކައެއް ނޫން ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތަކަށް ފައިސާ ދެއްކޭ ގޮތަށް މި ސަރުކާރުން ކާރު ދޫކުރުމަށް ނިންމާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެއީ އެއް ނޫން އެކަން ކުރަންޖެހޭނެ ގޮތަކީ. ކަމަކު ނުދޭ. އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ އާ ޓެކްސީ ހޯދައި ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތަކަށް ފައިސާ ދެއްކޭގޮތަށް ހަވާލުކުރުން،" ނަޝީދަށް ރައްދުދެއްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

ޓެކްސީ ގުޅުވައިގެން ރައީސް ނަޝީދު ވާހަކަދައްކަވާއިރު ޓެކްސީ ޑްރައިވަރުންނަށް ކާރު ދޫކުރުމަކީ ސަރުކާރުގެ ޕްލޭނުގައި ހިމަނައިފައިވާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްއާ އެކު ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދު ވަނީ މިދިޔަ ހަފްތާގައި ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުމުގައި ބައިވެރިވީ އެއް އަތުން ގުނާލެވޭހާ މަދު އަދަދެއްގެ ޓެކްސީ ޑްރައިވަރުންނެވެ.

މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތަފާތެއްގެ ގޮތުގައި ހުށަހަޅާ ސިޔާސަތަކީ ޓެކްސީ ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދީ އެ ޑްރައިވަރުންނަށް ބަސް ކުންފުނިން ވަޒީފާ ދިނުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ވަރަށް ބޮޑަށް ފޯރިގަދަވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮންމެ ދުވަހަކު އެކި މައްސަލަތަކުގައި ރައްދުދެއްވަ އެވެ. އެކަމަކު ރައީސް ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނު ފާހަގަކުރައްވާ މައްސަލަތަކަށް ރައީސް "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.