ކުޅިވަރު

ޕޯޗުގަލްގެ ކޯޗުކަން މާޓިނޭޒްއާ ހަވާލުކޮށްފި

ހުސްވެފައިވާ ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ކުރިން ބެލްޖިއަމަށް އިރުޝާދުދިން ރޮބާޓޯ މާޓިނޭޒް އައްޔަންކޮށްފި އެވެ.

ޕޯޗުގަލްގެ ކޯޗުކަން ކުރިން އަދާކުރީ އެގައުމަށް އުފަން ފެނާންޑޯ ސަންޓޯސް އެވެ. އެކަމަކު ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ކެޓުމާ އެކު އޭނާ ވަނީ ޕޯޗުގަލްގެ ކޯޗުކަން ދޫކޮށްލާފަ އެވެ.

މާޓިނޭޒް، 49، ކޯޗުކަމުގައި އެންމެ ފަހުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

"ދުނިޔޭގައި ތިބި އެންމެ ހުނަރުވެރި ކުޅުންތެރިން ތިބި އެއް ޓީމާ ހަވާލުވެވުނީމަ އަހަރެން މިހުރީ ވަރަށް އުފަލުން" ޕޯޗުގަލްގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވުމަށް ފަހު މާޓިނޭޒް ބުންޏެވެ.

ސްޕެއިނަށް އުފަން މާޓިނޭޒް ބުނީ ޕޯޗުގަލްގެ ފެޑެރޭޝަން ރައީސްއާ ވާހަކަ ދެއްކުމަށް ފަހު އޭނާއާ ހަވާލުކުރަން އުޅޭ ޕްރޮޖެކްޓް ވަރަށް ކަމުދިޔަ ކަމަށެވެ. އޭނާއާ މެދު ޕޯޗުގަލުން ބޮޑު އުއްމީދެއްކޮށް ކާމިޔާބީ ހާސިލްކުރަން ބޭނުންވާނެކަން އެނގޭ ކަމަށާއި، އެންމެން ގުޅިގެން އެކަން ހާސިލްކުރަން މަސައްކަތް ކުރެވޭނެ ކަމަށް މާޓިނޭޒް ބުންޏެވެ.

ކޯޗިން ކެރިއަރު މާޓިނޭޒް ފެށީ 2007 ވަނަ އަހަރު ސްވާންސީ ސިޓީ އިންނެވެ. އޭގެފަހުން 2009 ވަނަ އަހަރު ވިގަން އެތުލެޓިކް އަށް ބަދަލުވި އެވެ. ވިގަންގައި މާޓިނޭޒް ވަނީ 2013 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން މާޓިނޭޒް ވަނީ އެވަޓަން އަށް ބަދަލުވެ އެ ކްލަބުގައި ތިން ސީޒަން ހޭދަކޮށްފަ އެވެ. އެވަޓަންގައި ހޭދަކުރި ދުވަސްވަރު ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އަދި އެއް ސީޒަނުގައި އެވަޓަން ލީގުގެ ފަސް ވަނައިގައި ނިންމި އެވެ.

އެވަޓަން އަށް ފަހު މާޓިނޭޒް ބެލްޖިއަމްއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. ބެލްޖިއަމްގައި ހަ އަހަރު ހޭދަކުރިއިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމެވެ. އެ އަހަރު ބެލްޖިއަމަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ވެސް ލިބުނެވެ. އެކަމަކު ބެލްޖިއަމްގެ ރަން ޖީލަށް ތައްޓެއް ހޯދައި ނުދެވުމުން މާޓިނޭޒް އަށް ފާޑުކިޔުން އަމާޒުވި އެވެ.

ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވިއިރު، މާޓިނޭޒް އެޓީމާ އެކު ނުކުންނާނެ އެންމެ ފުރަތަމަ ބޮޑު މުބާރާތަކީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕެވެ. ސަންޓޯސްގެ ކޯޗުކަމުގައި ޕޯޗުގަލް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ޕޯޗުގަލްގެ ޓީމުން 37 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ދޭނަންތޯ އެހުމުން މާޓިނޭޒް ބުނީ، 19 އަހަރު ގައުމީ ޓީމު ތަމްސީލު ކުރި ކުޅުންތެރިއަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި، ރޮނާލްޑޯ ޓީމަށް ކުޅުމާ މެދު ވަރަށް އަވަހަށް މަޝްވަރާ އަށް ދާނެ ކަމަށެވެ.