ދުނިޔެ

އިނގިރޭސިވިލާތުން އޯބިޓަށް ފޮނުވި ސެޓެލައިޓް ރޮކެޓް ފޭލިވެއްޖެ

ޖައްވަށް ސެޓެލައިޓް ފޮނުވުމުގެ ބޭނުމުގައި އިނގިރޭސިވިލާތުން އުދުއްސަން މަސައްކަތްކުރި ރޮކެޓް އިންޖިނޭރުން އުއްމީދު ކުރި ގޮތަށް މަސައްކަތެއް ނުކުރި އެވެ.

ލޯންޗާވަންގެ ނަމުން ނަންދީފައި އޮތް ރޮކެޓްގެ ބެލެނިވެރި ވާޖިން އޯބިޓުން ބުނީ ކުރިން ހީކުރެވިފައި ނެތް މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެން އުއްމީދު ކުރި ހިސާބަށް ރޮކެޓަށް އެރޭ ގޮތެއް ނުވި ކަމަށެވެ.

ރޮކެޓަށް ދިމާވި ވަކި މައްސަލައަކަށް ނިސްބަތް ނުކޮށް ވާޖިން އޯބިޓުން ބުނީ ރޮކެޓަށް ދިމާވި މައްސަލަ ބަލައި ހައްލުކުރެވެން ހުރި ގޮތްތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސިވިލާތުން ޖައްވަށް ރޮކެޓް ފޮނުވުމުގެ ބޭނުމަކަށް ވެފައި އޮތީ ޔޫރަޕަށް ނިސްބަތްވާ ގޮތަށް އެންމެ ފުރަތަމަ ސެޓަލައިޓެއް އޯބިޓަށް ފޮނުވި ގައުމަށް ވުމެވެ. އެހެންނަމަވެސް، އެ މީހުން އުއްމީދުކުރި ގޮތަށް އެކަން ވާގޮތް އަދި ވަނީ ނުވެފަ އެވެ.

ވާޖިން އޯބިޓުން ކުރިން ބުނި ގޮތުން އެއްވެސް މައްސަލައެއް ނުޖެހި ރޮކެޓް ވަނީ އޯބިޓަށް ފޮރާފަ އެވެ. އެހެންނަމަވެސް، އޭގެ 30 މިނެޓް ފަހުން ޓްވީޓާ މެދުވެރިކޮށް މިޝަން ފޭލިވިކަން އިއުލާންކުރި އެވެ.

ޖައްވީ ވާދަވެރި ކަމުގެ ތެރެއަށް ޔޫރަޕްގެ ގައުމުތަކުން ވަނުމަށް މަސައްކަތް ފަށާފައިވާއިރު އިޓަލީ އާއި ފްރާންސް ގުޅިގެން ޑިސެމްބަރުގައި ފޮނުވަން މަސައްކަތްކުރި ރޮކެޓް ވެސް ވަނީ ފޭލިވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖައްވީ ވާދަވެރިކަމުގައި ރަޝިއާއަށް ވުރެ ކުރި ހޯދަން ޔޫރަޕުން ކުރާ މަަސައްކަތްތައް -- ޔުކްރޭން ހަނގުރާމައާ ގުޅިގެން ވަނީ އިތުރުކޮށްފަ އެވެ. އެހެންނަމަވެސް، ކާމިޔާބު ކަމާއެކު އޯބިޓަށް ރޮކެޓެއް ފޮނުވަން ކުރި އެއްވެސް މަސައްކަތެއް މިފަހުން ކާމިޔާބުވެފައި ނުވާ ކަމަށް ޚަބަރުތަކުން އެނގެ އެވެ.

ވާޖިން އޯބިޓުން ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި، ލޯންޗާވަންއަށް ދިމާވި މައްސަލަ ބަލައި ހައްލެއް ހޯދޭނެ އެވެ. އަދި ކުރިއަށް ހުރި މަސައްކަތައް ތާވަލް ކުރެވޭނެ އެވެ.

ވާޖިން އޯބިޓުން މަސައްކަތްކުރީ އިނގިރޭސިވިލާތުގައި އެ ކުންފުނިން ފޮނުވާ ފުރަތަމަ ރޮކެޓްގައި ނުވަ ސެޓެލައިޓް އޯބިޓަށް ފޮނުވުމަށެވެ. އެހެން ނަމަވެސް އެއްބުރުން އެކަން ވާގޮތް ވަނީ ނުވެފަ އެވެ.