ދުނިޔެ

ޑޮންބާސްގެ ސޮލެޑާގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންދަނީ

Jan 14, 2023

ޔުކްރޭންގެ ޑޮންބާސްގެ ސޮލެޑާ ސިޓީގައި ޔޫކްރެއިނާ ރަޝިއާ އާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި މިވަގުތު ދަނީ ވަރަގުދައަށް ހަމަލާތައް ބަދަލު ކުރަމުންނެވެ.

ރަޝިއާގެ ވެގްނާ ގުރޫޕް ޔުނިޓުތަކުން މިވަނީ މިސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ވަރަށް ވަރުގަދަކޮށް ޔޫކްރެއިނުގެ ސިފައިންގެ ދިފާއު ވަރުގަދަ ކުރަން ޖައްސުވާފަ އެވެ.

ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ސޮލެޑާގައި މިވަގުތު ބިމުން މައްޗަށް ހުރި އެންމެ ފާރެއްވެސް ނެތް ކަމަށާއި މުޅި ސިޓީ ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ކައިރީގައިވާ ބަޚްމޫތް ސިޓީ އަދި ސޮލެޑާ ވެސް ރަޝިއާގެ ބާރުގެ ދަށަށް ދިޔަ ނުދީ ހިފަހައްޓަމުންދާ ކަމަށެވެ.

ޔޫކްރެއިނުގެ ޖެނެރަލް ވެލެރީ ޒަލުޒްނީ ވިދާޅުވެފައިވަނީ ރަޝިއާ ސިފައިން މިވަގުތު ދަނީ ޔުކްރޭނަށް އިތުރު ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވަމުން ކަމަށާއި ލަފާކުރެވޭ ގޮތުގައި މިހަމަލާތައް އަމާޒުކުރުމަށް ރާވާފައިވަނީ ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ކަމަށެވެ.

ޔުކްރޭންގެ އަސްކަރިއްޔާއިން ދާދި ދެންމެއަކު ހާމަކޮށްފައިވަނީ ރަޝިއާގެ 710 ސިފައިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މަރާލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ދަނީ 2007 ވަނަ އަހަރުން ފެށިގެން މައްސަލަ ބޮޑުވެފައިވާ ޑޮންބާސް އަދި ލުޚާންސްކް ސަރަހައްދުގައެވެ.

ހަނގުރާމަ ފެށީ ޔުކްރޭން ސަރަހައްދުގައި ނޭޓޯއާއި ހުޅަނގުގެ ބާރުތަކުން ޔުކްރޭންގެ އަސްކަރީ މަރުކަޒުތައް، ވަކިން ހާއްސަކޮށް ނޭޓޯގެ މިސައިލް ޑިފެންސް ސިސްޓަމްތައް ރުކުރުވާލުމަށް މަސައްކަތް ފެށުމުންނެވެ. އެކަމަކީ ރަޝިއާގެ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށާއި ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ރަޝިއާ ދިޔައީ ހަނގުރާމަ ފެށުމުގެ ކުރިން ބުނަމުންނެވެ.

މި ހަނގުރާމަ އިތުރަށް ނުރައްކާވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ބޮޑެތި މާލީ އެހީތެރިކަމާއި އަސްކަރީ މަދަދު ކެނޑިނޭޅި ފޯރުކޮށްދެމުން ދިއުން ހިމެނެ އެވެ. ހަމައެހެންމެ އިރާން ފަދަ ގައުމުތަކުން ރަޝިއާއަށް ޑްރޯންތަކެއް ދާދި ފަހުން ވިއްކާފައިވާތީއާއި ބައެއް އެހެން ބާރުގަދަ ގައުމުތަކުން ރަޝިއާއަށް މަދަދު ފޯރުކޮށްދެމުންދާ މައްސަލާގައި ހުޅަނގުގެ ނުރުހުންވެސް އެބައޮތެވެ.