ދުނިޔެ

ބައިޑަންގެ އަމިއްލަ އޮފީހެއްގައި ދައުލަތުގެ ސިއްރު ލިޔުންތަކެއް

އެމެރިކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯ ބައިޑަން -- އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު -- ބޭނުންކުރެއްވި އަމިއްލަ އޮފީހަކުން ދައުލަތުގެ ސިއްރު ލިޔުންތަކެއް ފެނުނު މައްސަލަ އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ދަނީ ބަލަމުންނެވެ.

މި ލިޔުންތައް ފުރަތަމަ ފެނުނު ކަމަށް ވަނީ ބައިޑަންގެ ގާނޫނީ ވަކީލުންނަށް -- އެ އޮފީސް ހުސްކުރަން އުޅުމުގެ ތެރޭގައި -- ފާއިތުވި އަހަރުގެ ނޮވެމްބަރު ކުރީކޮޅު އެވެ.

ގާނޫނީ ޓީމަށް އެ ލިޔުންތައް ފެނުމާ އެކު ނޭޝަނަލް އާކައިވްސްގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ.

ސީބީއެސް ނިއުސް އިން ބުނި ގޮތުން ޖަސްޓިސް ޑިޕާޓްމަންޓާ ގުޅިގެން ނޭޝަނަލް އާކައިވްސް އިން މި މައްސަލަ މިހާރު ވަނީ ބަލަން ފަށާފަ އެވެ.

އެމެރިކާގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް މި ވާހަކަ އެރުމާ އެކު އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް -- އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ނެޓްވޯކް، ޓްރުތު ސޯޝަލްގައި -- އެފްބީއައި ކޮބައިތޯއޭ ވިދާޅުވެ ފުރަތަމަ ވެސް ކުރެއްވީ ސުވާލެކެވެ.

ޓްރަމްޕް ދެން ކުރެއްވި ސުވާލަކީ ބައިޑަންގެ އަމިއްލަ އޮފީހަކުން ދައުލަތުގެ ސިއްރު ލިޔުންތަކެއް ފެނުމުން، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އެކަމުގެ ތެރެއަށް ވަދެ ހަގީގަތް އޮޅުން ފިލުވާނެތޯ އެވެ.

ޓްރަމްޕް މި މޭރުމުން ސުވާލުކުރެއްވި ސަބަބަކީ އޮގަސްޓް 2022 ގައި އޭނާގެ އަމިއްލަ ރިސޯޓް ގަނޑުވަރު، މާރަލާގޯއަށް އެފްބީއައިގެ އޭޖެންޓުން ވަދެގަނެ ދައުލަތުގެ ސިއްރު ލިޔުންތަކެއް ކަމަށް ބުނެ ލިޔުންތަކެއް ގެންދިޔަ މައްސަލައިގެ ތަހުގީގުގައި އެފްބީއައި އިސްވެ އުޅޭތީ އެވެ.

"އަމިއްލަ ހައިސިއްޔަތުން ޖޯ ބައިޑަން ބޭނުންކުރައްވާ ގެކޮޅުތަކަށް އެފްބީއައި ވަދެގަންނާނީ ކޮންއިރަކުން،" ޓްރަމްޕް ސުވާލު ކުރެއްވި އެވެ.

"ބައިޑަން ޗުއްޓީ ހޭދަކުރައްވާ ގޮނޑުދޮށްތަކާއި، ވައިޓް ހައުސް ވެސް އަދި އެ ހުރީނު،" ޓްރަމްޕް މަލާމާތްކޮށްލެއްވި އެވެ.

ޓްރަމްޕް ދެންވެސް ކުރެއްވީ ސުވާލެކެވެ. ވިދާޅުވީ "އެއީ ދަރުލަތުގެ ސިއްރު ލިޔުންތަކަކަށް ނުވަނީތޯ؟" އެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ އެ ލިޔުންތަކާ ބެހޭ ގޮތުން އެފްބީއައި އާއި ޖަސްޓިސް ޑިޕާޓްމަންޓުން ބޭނުންވާ ހުރިހާ މައުލޫމާތެއް ބައިޑަން ދެއްވާނެ ކަމަށެވެ.

ޝަރީއަތެއް ހިންގެވި ނަމަވެސް ހުރިހާ ގޮތަކުން ބައިޑަން އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.