ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ ވާހަކަތަކަށް ވުރެ އަސަރުގަދަ!

  • ޝޯ އާއި ބެލުންތެރިންނާ ދެމެދު ފާލަން އަޅައިދޭ ލިޔުންތެރިޔާ
  • ކުރީގެ ހިތްދަތި ދިރިއުޅުމަށް ވަނީ އުފާވެރިކަން ގެނެސްފައި

މޯލްޑިވިއަން އައިޑޮލް އަކީ އޭގެ އަސަރުގަދަ ނުވަތަ ނަހޫ-ސްޓައިލްގެ ހިނދުކޮޅުތަކަށް މަޝްހޫރު ޝޯއެކެވެ. ދައްކާ މަންޒަރަކުން ބެލުންތެރިން ހެއްވައި އުފާކޮށްދޭއިރު އަސަރުގަދަ މަންޒަރުތަކާ އެކު ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވައިލުމުގެ ގާބިލުކަން ވެސް ލިބިފައިވާ ޝޯ އެކެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އާންމުކޮށް ޝޯގެ އޮޑިޝަނުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން މިފަދަ އަސަރުގަދަ ކަރުނަޔާ ގުޅިފައިވީ ވާހަކަތަކެއް ބެލުންތެރިންގެ އުނގަށް ފޭދުނަސް މިފަހަރު އޭގެ ވާހަކައެއް މި އޮތީ އެއަށް ވުރެ ތަފާތު ގޮތަކަށެވެ. މި ވާހަކައިގެ ބަތަލަކީ މޯލްޑިވިއަން އައިޑޮލްގެ 30 އެޕިސޯޑްގެ އެންމެ މުހިންމު އެއް ލިޔުންތެރިޔާގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ، ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ އަހުމަދު ރިލްވާނެވެ.

ޔަގީނަށް ވެސް މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިން ހެއްވުމާއި އެމީހުން ރޮއްވުމަށް ޝޯ އަށް އަޅަން ޖެހޭ ހުރިހާ އިންގްރިޑިއެންޓެއް ކޮށައި މަށައި ގާނައި ދިވެހި މޮޅު ހަވާދުގަނޑެއްހެން ހަނާކުރުމުގައި އިސްކޮށް މި އުޅޭ އެކަކީ މި ޒުވާން ލިޔުންތެރިޔާ އެވެ. ތަޖުރިބާގެ ގޮތުންނާއި އުމުރުގެ ގޮތުން ބަލާއިރު މޯލްޑިވިއަން އައިޑޮލް ޓީމުގެ އެހެން މާސްޓަމައިންޑުންނާ އޭނާއާ ސައްތައެއްގެ ތަފާތު ހުއްޓަސް މި ޝޯ އާއި އޭގެ ބެލުންތެރިންނާ ދެމެދު ހިތާއި ހިތުގެ ގުޅުމެއް ފައްކާކުރަމުން ރިލްވާން އެ ގެންދަނީ ފަހަރެއްގައި އޭނާގެ ވާހަކަ ވެސް ޝޯގައި ގެނެސްދޭ ކަހަލަ އަސަރުގަދަ ވާހަކަ އަކަށް ވީމަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ތާރީޚީ ޓީމުގެ މުހިންމު މެމްބަރަކަށް ވުމަށް ރިލްވާން ކުރި ދަތުރު ވެސް ވަރަށް އާދަޔާހިލާފެވެ. މިއަދު ޓީވީއެމްގެ އެންމެ ގާބިލު ލިޔުންތެރިންނާ ފައި ހަމަކުރަމުން ދިޔަޔަސް އަދި އެތައް ހާސް ބަޔަކު ބަލާ ޓީވީ ޝޯއެއްގެ "ވާހަކަ ކިޔައިދޭ މީހާ" ގެ ރޯލު ކުޅެމުން ދިޔަޔަސް މީގެ ތިން ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު ރިލްވާނަކާ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނަކުން ފެއިލްވެ ހިތްދަތި ގޮތަކަށް ކަޓައިގެންދާ ބައިވެރިޔަކާ މާ ބޮޑު ތަފާތެއް ނެތެވެ.

"އެންމެ ފުރަތަމަ ގްރޭޑް ދިހައެއް ނިންމާލި އަދާކުރަން ފެށި ވަޒީފާ އަކީ ކެފޭއެއްގައި ކޭޝިއަރެއްގެ ވަޒީފާ. އެއީ އޭރު އަޅުގަނޑުގެ އާއިލާގެ ހާލަތު ހުރި ގޮތުން ކިޔެވުމާއިގެން އިތުރަށް ދެވެން ނެތުމުން. ކިތަންމެ ބޭނުންވިޔަސް އާއިލާގެ އެ މާލީ ތަނަވަސްކަން ނެތުމުން،" މޯލްޑިވިއަން އައިޑޮލްގެ މަސައްކަތުގައި އުޅެފައި ނެގި ކުޑަ ބްރޭކެއްގެ ތެރެއިން އިއްޔެ "އަވަސް" އަށް ދިން އިންޓަވިއުއެއްގައި 22 އަހަރުގެ ރިލްވާން ބުންޏެވެ.

އޭނާ އެ ބުނާ ކެފޭއެއްގައި ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން އޭނާގެ މައްސަލަ އަދި މިއަށް ވުރެ ވެސް ބޮޑެވެ. ހިތްދައްޗެވެ. އަދި އެހާމެ އެކަނިވެރި އެވެ.

"ސްކޫލްގައި އުޅުނުއިރު ގެއިން ބޭރަށް، ނުކުމެ އާންމުންނާ އެކުގައި ގުޅިގެން މަސައްކަތްކުރުމާއި މުއާމަލާތުކުރުމުގެ ހުނަރު ވަރަށް ދަށް އޭރު. މުޖުތަމައާ ވަރަށް ދުރުގައި އަބަދު ގޭގައި އުޅެވުނީ. އެހާ ގިނަ ރައްޓެހިންނެއް ވެސް ނުތިބޭ އަޅުގަނޑުގެ،" ލަދުރަކި ގޮތަކަށް ވާހަކަ ދައްކަމުން ރިލްވާން ކިޔައިދިނެވެ.

އެހެންވީމަ އެހާ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތް މި ޒުވާނާ، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށ ގެނައި އިންގިލާބެއްގެ މުހިންމު މެމްބަރަކަށް ވީ ކިހިނެތް ހެއްޔެވެ؟ އެއަށް ކިޔަނީ ހިތްވަރެވެ!

ރިލްވާންގެ މި ވާހަކައެއް މޯލްޑިވިއަން އައިޑޮލްގައި އޭނާ ބެލުންތެރިންނަށް ކިޔައިދޭން މަސައްކަތްކުރާ ކަހަލަ އަސަރުގަދަ ވާހަކައަށް ބަދަލުވެގެންދަނީ މި ސަބަބާ ހެދި އެވެ.

ދިރިއުޅުމުގެ ދަތުރުގައި އޭނާ ނުވެއްޓޭ ވަޅުގަނޑެއް ނެތެވެ. އެންމެ ކުޑަމިނުން ބައްޕައެއް ލޯބި ވެސް ނުލިބެ އެވެ.

"އަޅުގަނޑުގެ މަންމަގެ ތިބޭނެ ހަތަރު ކުދިން. ހަތަރު ކުދިންނަކީ ވެސް ހަތަރު ބައްޕައިންގެ ކުދިން. އަޅުގަނޑު މިއީ އާއިލާގެ ދެ ވަނަ އަށް އެންމެ ދޮށީ ކުއްޖާ،" ރިލްވާން ބުންޏެވެ.

އެހެންވީމަ މި ހާލެއްގައި ގަނަތެޅުނު މު ޒުވާނާގެ ދިރިއުޅުން ބަދަލުވެން ދިޔަ ގޮތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ސްކޫލުން ނިންމާލި ގޮތަށް ކެފޭއެއްގައި މަސައްކަތްކުރަމުން ގޮސް އެންމެފަހުން އެތަނުގެ ފިއްތުންތަކާ ހެދި އެތަނުން ވެސް ނުކުމެގެން ދާން މަޖުބޫރުވީ އެވެ. އެއަށް ވަޒީފާއެއް ނުލިބި ދުވަސްގަނޑެއް ވިފަހުން އޭނާ އަށް ފުރުސަތު ލިބެނީ ލޯކަލް ޓީވީ ޗެނަލަކުންނެވެ. އެ ހިސާބުން އޭނާ ބަދަލުވީ ނިއުސް އެންކާ އަކަށެވެ.

ހުރިހާ ވެސް ޝުކުރެއް ހަގީގަތުގައި އޭނާ ވަޒީފާ އަދާކުރި ކެފޭ އަށެވެ. ކުރިން ގޭތެރޭގައި ފިލައިގެން އުޅުނު މި ޒުވާނާ މުޖުތަމައާ ރައްޓެހި ނުވަތަ މުޖުތަމައު ދެކެ ބިރު ނުގަންނަ މީހަކަށް ބަދަލުކޮށްލަދިނީ ކެފޭގެ އަޑުގަދަ އެ މާހައުލެވެ.

ނޫސްވެރިކަމުގެ ތެރެއަށް ވަނުމަށް ފަހު އެންމެފަހުން ޓީވީއެމް އިން ފުރުސަތު ލިބިގެން އެތަނުގައި ތަމްރީން ލިބި ނޫސްވެރިއެއްގެ ވަޒީފާ އަދާކުރާތާ މިހާރު ތިން އަހަރުވަނީ އެވެ. އަދިވެސް އުފެދެނީ ހަމަ އެ ސުވާލެއް ނޫން ހެއްޔެވެ؟ މި ފެންވަރުގައި ރިލްވާނަށް މޯލްޑިވިއަން އައިޑޮލްގެ ޓީމުން ފުރުސަތު ލިބުނީ ކީއްވެގެންތޯއޭ ނޫންތޯ އެވެ.

މި ޝޯގެ ޕްރޮޑަކްޝަން ޓީމަށް ނިސްބަތްވާ އެހެން އެންމެންނެކޭ އެއްފަދައިން ރިލްވާންގެ ވެސް ހާއްސަ ކަމެއް އެބަ ހުއްޓެވެ.

"އަޅުގަނޑު މީގައި މިކުރާ މަސައްކަތަކީ މި ޝޯގެ ހުރިހާ ސްކްރިޕްޓްތަކެއް ލިޔުމުގެ މަސައްކަތް. ޝޯގެ ދެ ޕްރެޒެންޓަރުން ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ލިޔެދިނުމާއި އެމީހުން ވާހަކަ ދައްކަން ޖެހޭ ގޮތާއި ރާގު ވެސް ބުނެދޭން ޖެހޭ،" ހިތްހަމަނުޖެހޭ ސިކުންތެއްގެ މައްސަލަ ވެސް ދޫކޮށްނުލާ ކަމަށް ބުނެ ވާހަކަ ދައްކަމުން ރިލްވާން ބުންޏެވެ.

ޝޯ އޭގެ ބެލުންތެރިންނާ ގުޅުވުމަށް ބޭނުންވާ ފަށުވި ޖުމްލަތަކާއި ޕްރެޒެންޓަރުންގެ ފަރި ހަރަކާތްތަކަކީ ރިލްވާންގެ ގަލަމުން ކުރަމުން ގެންދާ ހިތްގައިމު މަންޒަރެވެ.

"ތަޖުރިބާގެ ގޮތުން ބަލާ ނަމަ މި ޓީމާ އަޅުގަނޑާ ވަރަށް ތަފާތު. އެކަމަކު ވަރަށް އުފާވޭ ރައިޓަރެއްގެ ގޮތުގައި ޖޮއިންކުރި ހިސާބުން ފެށިގެން ވެސް ބަސް ބުނުމުގެ އިހްތިޔާރާއި އަޅުގަނޑު ވެސް ބޭނުންވާ އިންޕުޓް މިއަށް ލުމުގެ ބާރު ޝޯގެ ޑައިރެކްޓަރުން އޮންނަނީ ދީފައި،" ރިލްވާން ބުންޏެވެ.

"ހިތްހަމަނުޖެހޭ ނަމަ ހިތްހަމަޖެހެން ދެން ނަގަން ބޭނުންވާ ގޮތަކަށް ޝޫޓްވެސް ކުރެވޭ. ޓީމާ އެކު މަސައްކަތްކުރާއިރު އިހްސާސްކުރެވޭ އަޅުގަނޑުގެ މަސައްކަތް ވެސް އެޕްރެޝިއޭޓްކުރާކަން."

"މިއީ އިނާ ޓެލެންޓް އެކްސްޕްލޯކޮށްލުމަށް ލިބުނު އިތުރު ޗާންސެއް. ކުރިން މަސައްކަތް މި ކުރެވުނީ ވަރަށް ފޯމަލް ނުވަތަ ރަސްމީ ޕްލެޓްފޯމެއްގައި. މިއީ މުޅިން ތަފާތު ތަޖުރިބާއެއް. ލިޔުންތައް ލިޔަން ޖެހޭ ގޮތް ވެސް މުޅިން ތަފާތު."

ރިލްވާން ބުނަނީ މިހެންނެވެ.

"ޝޯ ލިޔާއިރު ވަރަށް ބަލަން ދެން ވާނީ ކިހިނެތްތޯ ނުވަތަ ވާން މި އުޅެނީ ކިހިނެތްތޯ ކަމުގެ ފީލް ބެލުންތެރިންނާ ހަމަ އަށް ގެނެވޭތޯ. ވަރަށް މަސައްކަތްކުރަން. ބުނެވޭނީ ކުރިއަށް ހުރި ޝޯތަކުގެ ފޯރި އަދި މިއަށް ވުރެ ވެސް ގަދަވާނެއޭ. ވަރަށް ތަފާތުވާނެ މި ޝޯގެ ޕްރެޒެންޓިން އާއި ނެރޭޝަން ރާއްޖޭގެ އެހެން ޝޯތަކަށް ބަލާއިރު ހަމަ ވަރަށް ތަފާތުވާނެ."

"އަޅުގަނޑަށް އިތުބާރުކޮށް މިފަދަ މަސައްކަތެއް ހަވާލުކުރީތީ ޕީއެސްއެމް އަށް އަދި އައިޑޮލްގެ މުޅި ޕްރޮޖެކްޓް ޓީމަށް ޝުކުރު ދަންނަވަން."