އިންޑޯ ކުޅިވަރުތަކުގެ ތެރެއިން ކެރަމް އަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ފަސޭހަކަމާއެކު ކުޅެވޭނެ ކުޅިވަރެކެވެ.
ކެރަމް ކުޅެން ގިނަ ބަޔަކު ލޯބިކުރަނީ އެއީ ދަސްކުރަން ފަސޭހަ އަދި އަލަށް ކުޅެން ފަށާ މީހުންނާއި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ މީހުންނަށް އުފަލާއެކު މަޖާކޮށްލަން ކުޅެލެވޭނެ ކުޅިވަރަކަށް ވާތީ އެވެ.
ކެރަމް މުބާރާތްތައް ވެސް ބައިނަލްއަގުވާމީ ފެންވަރުގަޔާއި ގައުމުތަކުގެ ފެންވަރުގައި ވެސް ކުޅެ އެވެ. އެގޮތުން އިންޑިޔާގެ ޕޫނޭގެ 83 އަހަރަކު މާމައަކު އެ ރަށުގައި ބޭއްވި ކެރަމް މުބާރާތެއްގައި ބައިވެރިވެ މުބާރާތުން އެއްވަނަ ހޯދައި މިސާލު ދައްކާފައި ވެއެވެ. މި ވާހަކަ ކިޔާފައި އިންޓަނެޓު ބޭނުންކުރާ މީހުން ބުނީ މި މާމައަކީ އެމީހުންނަށް މިކަހަލަ ކުޅިވަރުތައް ކުޅުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
މި މާމަ ކެރަމް މުބާރާތުން އެއްވަނަ ހޯދި ވާހަކަ ސޯޝަލް މީޑީއާގައި ހިއްސާކުރީ އޭނާގެ މާމަ ދަރިފުޅެކެވެ.
އަންހެންމީހާ އަށް މާމަ ކިޔާ އަކްޝޭ މަރާތޭ ޓުވިޓާގައި ޝެއާކުރި ވީޑިއޯއެއްގައި މާމަ ވަރަށް މޮޅަށް ކެރަމް ކުޅެ ފޮތިތައް ވައްޓަމުންދިޔަ މަންޒަރު ފެނެ އެވެ. މާމައާ ވާދަކޮށްފައިވަނީ ވަރަށް ޒުވާން އަންހެނެކެވެ.
އަކްޝޭ ބުނި ގޮތުގައި ޕޫނޭގައި ބޭއްވި އޯލް-މަގަރްޕައްޓާ ސިޓީ ކެރަމް މުބާރާތުން އޭނާގެ މާމައަށް ޑަބަލްސް ކެޓަގަރީން ރަން މެޑަލް އަދި ސިންގަލް ކެޓަގްރީން ބްރޯންޒް މެޑަލް ލިބިފައި ވެއެވެ. މި މުބާރާތުގައި އޭނާގެ މާމަ އާ ވާދަކުރީ މާމައަށް ވުރެ އެތައް ގުނައެއް ހަގު އަންހެން ކުޅުންތެރިން ތަކެއްކަން ވެސް އަކްޝޭ ފާހަގަ ކޮށްފައި ވެއެވެ.
އަކްޝޭ ބުނެފައިވާ ގޮތުގައި އޭނާ އާއި އޭނާގެ އެކުވެރިން މާމައެކު ކެރަމް ކުޅޭއިރު ވެސް ވަރަށް ފަސޭހައިން މާމަ އެމީހުން ބަލިކޮށްލަ އެވެ.
މި މާމަގެ ވާހަކައަށް ކޮމެންޓުކުރި މީހުން ބުނީ މި މާމަގެ ވާހަކައިން ހަގީގަތުގައި ވެސް މީހުންގެ ހިތުގައި ކުޅިވަރު ކުޅުމުގެ ރޫހު އާލާވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މާމަ އާއި މާމަދަރިފުޅުގެ އޮތް ޚާއްސަ ގާތް ގުޅުން ވެސް ގިނަ ބަޔަކަށް ވީ ވަރަށް ހިތްހަމަޖެހުނު ގުޅުމަކަށެވެ.