މޯލްޑިވްސް ޕޮލިސް ސާވިސް

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމަކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ދެވަނަ ފިޔަވަހީގައި މާރާމާރީއެއް ހިނގައިގެން އުޅޭ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ ރޭ 1:15 ހާއިރު އެވެ.

މި މައްސަލައިގައި ޒަހަމްވީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ހަށިގަނޑުން ހަތަރު ތަނެއް ކަފައިގެން ގޮސްފައިހުރި ކަމަށާއި އަދި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާގެ ހާލަތާ މެދު ވަކި އެއްޗެއް ނުބުނެ އެވެ.

މި ހަމަލާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.