ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.
އެގޮތުން އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާ ހޯދުމަށް ދައްކާފައިޥޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީފީ ފުޓޭޖް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ކުޑަ ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ބައެއް ނޫސްތަކުންވެސް ރިޕޯޓުކޮށްފައިވެ އެވެ.