ކުށްކުރުން

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މާޔަންއަށް ހަމަލާދީ ކަރުގައި އޮތް ފަށް ފޭރިގެންފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ދުވަން ނިކުމެ އުޅެނިކޮށް ބަޔަކު އޭނާ ހުއްޓުވައި ކަރުގައި އޮތް ރަން ފަށް ފޭރިގެންފި އެވެ.

މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ "ކްލޭ ސްޓޫޑިއޯ" ކައިރިން މިއަދު ހެނދުނު އެވެ.

މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ދެ މީހުންނެވެ. އެ މީހުން ތިބީ ހެލްޓްމެޓް އަޅައިގެން ކަމަށްވެ އެވެ.

ފަށް ފޭރިގަތީ މާޔަން ދުވެފައި ދަނިކޮށް އޭނާގެ ކަރުގައި ހިފާ ވައްޓާލުމަށްފަހު ފަށް ޖަހައިގަނެގެންނެވެ.

މާޔަން ވަނީ މިހާދިސާގެ މައުލޫމާތާއި ފޭރިގެންފައިވާ ފަށުގެ ފޮޓޯއެއްވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެއްވެސް މީހަކު އެ ފަށް ވިއްކަން އުޅޭނަމަ އަންގައިދިނުމަށް އެދިފައިވެ އެވެ.

މާޔަން ވަނީ މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.