ލައިފްސްޓައިލް

ބޯޑިންއަށް ތައްޔާރުވެފައިވާ 54 ދަތުރުވެރިން ނުލައި ފްލައިޓް ނައްޓާލައިފި

އިންޑިއާގެ ބެންގަލޫރޫއިން ދިއްލީ އަށް ދަތުރުކުރި ގޯ ފަސްޓް އެއާވޭޒް ފްލައިޓަކުން ދަތުރުކުރަން ޗެކިން ހަދައި ބޯޓަށް އަރަން ޓާމެކް މަތީގައި އޮތް ބަހެއްގައި ތިބި 54 މީހުން ނުލައި މަތިންދާބޯޓު ނައްޓާލައިގެން ގޮއްސި އެވެ.

މި ފްލައިޓުން ދަތުރުކުރަން ޓާމެކް މަތީގައި އޮތް ބަހުގައި ތިބި ބައެއް މީހުން ވަނީ މި ވާހަކަ ޓުވިޓާގައި ޝެއާ ކޮށްފަ އެވެ.

އެމީހުން ބުނެފައިވާ ގޮތުގައި ބެންގަލޫރުން ދިއްލީ އަށް ހެނދުނު 6.30ގައި ފުރަން އޮތް ޖީ8 116 ފްލައިޓް ފުރީ އެ ފްލައިޓުން ދަތުރުކުރަން ޗެކިން ހަދާފައި ތިބި 54 މީހުން ނުލަ އެވެ.

ގިނަ ބަޔަކު ޝަކުވާތައް ޓުވިޓާގައި ކުރަން ފެށުމުން ގޯ އެއާ އިން ވަނީ އެމީހުންގެ ދަތުރުގެ ތަފްސީލް ދިނުމަށް އެދިފަ އެވެ. އަދި ފަހުން ވަނީ ދިމާވި ކަންތައްތަކަށް މައާފަށް އެދިފަ އެވެ.

ޝްރެޔާ ސިންހާ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާ އެވެ. މިކަމުގެ ސަބަބުން މަތިންދާބޯޓަށް ނޭރި ބަސް ތެރޭގައި ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރު ތިބެން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ޝްރެޔާ ބުނި ގޮތުގައި ބޯޓަށް އަރަން ދާން ފަތިހު 5.35 ގައި އެމީހުން ބަހަށް އަރުވައިގެން ނައްޓާލައިފި އެވެ. ނަމަވެސް ބަސް، ބޯޓާ ހަމައަށް ގޮސް ބޯޓަށް މީހުންތައް ނާރަނީސް ބޯޓު ވަނީ ނައްޓާލާފަ އެވެ. އޭރު ބަހުގައި 54 މީހުން ތިބި ކަމަށާއި ބޯޓު ނައްޓާލީ އެ އެންމެންގެ ފޮށިތަންމަތިވެސް ހިފައިގެން ކަމަށް ޝްރެޔާ ބުނެފައި ވެއެވެ.

ސުމިތު ކުމާރު ކިޔާ މީހަކު ބުނި ގޮތުގައި ބޯޓަށް އަރުވަން މީހުން ގެންދިޔައީ ދެ ބަހުގަ އެވެ. އެތަނުން އެއް ބަހުގެ މީހުންނަށް ބޯޓަށް އެރުނުއިރު އަނެއް ބަހުގައި ތިބި މީހުން ބަހުގައި އެ ތިބި ގޮތަށް ތިއްބާ ބޯޓު ނައްޓާލީ އެވެ. އެ ވަގުތު ބޯޓުގައި ތިބި ކުރޫން ތިބީ ނިދާފައިތޯ މި މީހާ ވަނީ ސުވާލު ކޮށްފަ އެވެ.

މި ބޯޓުން ދަތުރު ނުކުރެވުނު މީހުން ފޮނުވާލާފައިވަނީ ހެނދުނު 10.00 ޖެހިއިރު ފުރި އެހެން ފްލައިޓެއްގަ އެވެ.