ކުޅިވަރު

ސައުތެމްޓަން އަތުން ބަލިވެ ސިޓީ ލީގު ކަޕުން ކަޓައިފި

އިނގިރޭސި ލީގު ކަޕްގައި ރޭ ސައުތެމްޓަން އަތުން 0-2 އިން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ސައުތެމްޓަން ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗަށް ނުކުތްއިރު ފޭވަރިޓުންނަކީ ސިޓީ އެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ސައުތެމްޓަން އޮތީ ތާވަލުގެ ފުލުގަ އެވެ. ލޫޓަން ޓައުން ދޫކޮށް ސައުތެމްޓަންގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ނޭތަން ޖޯންސްގެ ކޯޗުކަމުގައި ވެސް ލީގު ނަތީޖާތައް ދަށެވެ. އެކަމަކު ސިޓީ އަތުން ހޯދި ބޮޑު މޮޅަކީ ކޯޗު ޖޯންސް އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެވެ.

އަންނަ ހަފްތާ ޕްރިމިއާ ލީގުގައި ދެ މެޗު ކުޅެން ޖެހޭތީ ރޭގެ މެޗަށް ސިޓީ އިން ނެގި ފުރަތަމަ އެގާރައިގައި ކެވިން ޑި ބްރޭނާ އާއި އާލިން ބްރައުޓް ހާލަން ހިމަނާފައެއްނުވެ އެވެ. އެކަމަކު ޓީމުގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. އަންނަ ހަފްތާ ލީގުގައި ސިޓީ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

މެޗުގެ ދެ ގޯލު ސައުތެމްޓަން އިން ޖެހީ ފުރަތަމަ ހާފުގަ އެވެ. 23 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ސެކޫ މާރާ ޖެހިއިރު ދެވަނަ ގޯލު 28 ވަނަ މިނެޓުގައި ޖެހީ މޫސާ ޖެނެޕޯ އެވެ.
ދެ ގޯލުގެ ފަހަތުގައި އޮތުމުން ގާޑިއޯލާ ވަނީ ޑި ބްރޭނާ އާއި ހާލަންޑް ދެވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ. އެކަމަކު މި ދެކުޅުންތެރިންނާ އެކު ވެސް ސައުތެމްޓަން ކޮޅަށް ގޯލެއް ނުޖެހުނެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ނޮޓިންހަމް ފޮރެސްޓް ވަނީ ވުލްވްސް ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެ މެޗު އެއްވަރުވީ 1-1 އިންނެވެ. ޕެނަލްޓީ ޖަހައިގެން ނޮޓިންހަމް ކުރި ހޯދީ 3-4 އިންނެވެ.

ސެމީ ފައިނަލުގައި ނޮޓިންހަމް ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ފުރަތަމަ ލެގު ކުޅޭނީ ނޮޓިންހަމް ދަނޑުގަ އެވެ. ސެމީގެ އަނެއް މެޗުގައި ސައުތެމްޓަން އާއި ވާދަކުރާނީ ނިއުކާސަލް ޔުނައިޓެޑް އެވެ. ސެމީގެ މެޗުތައް ކުޅޭނީ މި މަހުގެ ފަހު ހަފްތާގަ އެވެ.