އީޕީއޭ

ރަސްފަރި ފަރު އަލުން އިއާދުކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަނީ

ރަސްފަރި ފަރަށް ލިބުނު ގެއްލުންތަކަށްފަހު އެ ފަރު އިއާދަކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އެކު ފަސް އަހަރުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އީޕީއޭ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރަސްފަރި ފަރު އިއާދަކުރުމަށް ކުރިއަށްގެންދާ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ފަރު އިއާދަކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް:

  • ނާސަރީ ބިނާކުރުމާއި މުރަކައިގެ ފްރެގްމަންޓްސް ހޯދޭނެ ތަންތަން ދެނެގަތުން
  • ނާސަރީތައް މޮނިޓާ ކުރުމާއި ބެލެހެއްޓުން
  • ނާސަރީތަކުގައި އާލާ ކުރާ މުރަކަ ރަސްފަރީ ފަރުގައި އިންދުން
  • މުރަކައިގެ އެކިއެކި ފްރެގްމަންޓުތައް އަލުން ފަރުގައި އިންދުން
  • އަލުން އިންދާ މުރަކަތައް ހުންނަ ތަންތަން ދެނެގަތުން
  • ދަތުރުފަތުރު ފަދަ ލޮޖިސްޓިކްސް ކަންކަމުގައި އެހީތެރިވުން
  • މުރަކަ އަލުން އިންދުމާއި، މި މަޝްރޫއު މެނޭޖުކުރުމުގެ މަސައްކަތަށް ފަންނީ ލަފާ ދިނުން

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު ކާގޯ ބޯޓު "ނާވިއޮސް އާމަލިސް" ރަސްފަރި ފަރަށް އުރުނީ އޮގަސްޓް 19، 2021 ގައެވެ. މި ހާދިސާގެ ސަބަބުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު ވަނީ ދައްކާފަ އެވެ.