ފުވައްމުލައް

ފުވައްމުލަކު ފަރަށް އެރި ހިލަ ބާޖުގެ މައްސަލަ ބަލަމުން ދަނިކޮށް ފުރައިފި

ހިލަ ހިފައިގެން ފުވައްމުލަކަށް ދިޔަ ބާޖު ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް އެ ބާޖު ފުރައިފި އެވެ.

އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ މި ބާޖަކީ ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރަން ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖެކެވެ.

ބާޖު ފަރަށް އަރާފައިވަނީ މަސައްކަތް ކުރާ ސަރަހައްދަށް ހިލަ ހިފައިގެން ވަދެ އޮއްވާ ބާޖު އަރިއަޅާލައިގެންނެވެ.

ހުކުރު ދުވަހު ފަރަށް އެރި މި ބާޖު ފުންކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ.

މި މައްސަލަ ބަލާ ތަހުގީގު ކުރަމުންދާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެ އެވެ.

ނަމަވެސް މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑު ކުންފުންޏަށެވެ.

ނައީމު ވިދާޅުވީ ބާޖު ފަރަށް ނާރާ ކަމަށް ބުނެ ހޯގާޑު ކުންފުނިން ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

"ހޯގާޑުން ބުނީ ބާޖު ފަރަށް ނާރައޭ. ފިލައިގެން ދިޔައީ." ނައީމް ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހޯގާޑް ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 12، 2021 ގައެވެ. މިމަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 300 މިލިއަން ރުފިޔާ އަށެވެ.