ފުވައްމުލައް

ފުވައްމުލަކު ފަރަށް އުރުނު ބާޖު ފުންކޮށްފި

ފުވައްމުލަކު ފަރަށް މިދިޔަ ހުކުރު ދުވަހު އުރުނު، ހިލަ ބަރުކޮށްގެން ދިޔަ ބާޖު ފުންކޮށްފި އެވެ.

މި ބާޖަކީ ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރަން ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖެކެވެ.

ބާޖު އުރިފައިވަނީ މަސައްކަތް ކުރާ ސަރަހައްދަށް ހިލަ ހިފައިގެން ވަދެ އޮއްވާ ބާޖު އަރިއަޅާލައިގެންނެވެ.

ފަރަށް އެރި ބާޖު ފުން ކުރުމަށްފަހު މިހާރު ވަނީ ފަރާ ދުރަށް ގެންގޮސްފަ އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ދައުލަތުގެ ބަޖެޓާއި ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާ އެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފުވައްމުލަކުގެ އުތުރު ފަރާތުން ފެށިގެން އެ ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަސައްކަތް އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް މުޅިއެކު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.