ހަބަރު

ކޯޓު ހުކުމުގެ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރަން 10 ދުވަސް

ފުރަތަމަ މަރުޙަލާގެ ކޯޓުގެ ހުކުމަކީ، ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ ސާކިއުލާއެއް ސްޕްރީމް ކޯޓުން ނެރެފި އެވެ.

އެ ކޯޓުން މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގެ ކޯޓަކުން މައްސަލައެއް ބަލައި ނިންމުމުގައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވާއިދެއްގެ ބައެއްވިޔަސް ބާތިލުކަމަށް ކަނޑައަޅައި ހުކުމްކޮށްފިނަމަ، ފުރަތަމަ މަރުހަލާގެ ކޯޓުން ހުކުމްކުރާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި ބަންޑާރަނައިބު ނުވަތަ އިސްތިއުނާފުކުރުމުގެ ހައްގު އޮތް އެހެން ފަރާތަކުން، އެ މައްސަލަ ނިންމި ކޯޓެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގައިވާ ގޮތުގެމަތިން އިސްތިއުނާފުކުރަން އެދޭކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރަން ހުށަނާޅައިފިނަ، 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ހުކުމްކުރި ކޯޓުން އެ މައްސަލައިގެ ފައިލް، ލިޔުންތަކާއެކު 7 (ހަތެއް) ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަންވާނެ ކަމަށް ވެސް ސާކިއުލާގައިވެއެވެ.

މީގެއިތުރުން ފައިލް، ހައިކޯޓަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ބަންޑާރަނައިބަށާއި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމާއެކު، އެ މައްސަލަ ބަލައި ނިންމުމަށްޓަކައި، އިޖުރާއީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޯޓުން އަޅަމުން ގެންދަންވާނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.