ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކުޅެނީ ސައުދީ އަރަބިއާގެ ރިޔާދުގަ އެވެ. ސެމީގެ ފުރަތަމަ މެޗު ރޭ ކުޅުނީ ރިޔާދުގައި ހުންނަ ކިންގް ފަހަދު ސްޓޭޑިއަމްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ރެއާލް ކުރި ހޯދީ 3-4 އިންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ރެއާލްގެ ކަރީމް ބެންޒެމާ އެވެ. މިއީ ވެލެންސިއާގެ އެރޭ ކޮމާޓް ކުރި ފައުލަކަށް ރެއާލަށް ލިބުނު ޕެނަލްޓީއަކުން ބެންޒެމާ ޖެހި ލަނޑެކެވެ. ރެއާލް ލީޑުގައި އޮއްވައި ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރީ ސެމުއެލް ލިނޯ ޖަހައިދިން ގޯލުންނެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގެ ރެއާލްގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ރެއާލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބެންޒެމާ އާއި ޓޮނީ ކްރޫސްގެ އިތުރުން ލޫކާ މޮޑްރިޑް އަދި މާކޯ އަސެންސިއޯ އެވެ. މެޗުގައި ވެލެންސިއާގެ ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. އެޓީމުގެ ކޮމާޓް ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު ފަހު ޕެނަލްޓީ ހޯސޭ ގާޔާ ޖެހުމުން ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ކޯޓުއާ ބުނީ ކުޅުންތެރިން ޕެނަލްޓީ ޖަހާނެ ގޮތް ދަސްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ގާޔާ އެންމެ ފަހުން ސެވިއްޔާ މެޗުގައި ޕެނަލްޓީ ވާތު ފަޅި އަށް ޖެހުމުން ވައްދައެއް ނުލެވުނު. އެކަމަކު ބެޓިސް ކޮޅަށް ގޯލުގެ މެދަށް ޖަހައިގެން ވައްދާލި. އެހެންވީމަ އަހަރެންނަށް އެނގުނު މެޗުގައި ގާޔާ ޕެނަލްޓީ ޖަހާނެ ދިމާ" މެޗަށް ފަހު ކޯޓުއާ ބުންޏެވެ.
ސުޕަ ކަޕްގެ ފައިނަލުގައި ރެއާލް ވާދަކުރަން ޖެހޭނީ ދެވަނަ ސެމީގައި ބާސެލޯނާ އާއި ރެއާލް ބެޓިސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު މިރޭ ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.