މިއުވާން މުހައްމަދު

ވަކި ބޭފުޅަކަށްޓަކައި ސްކޫލުތައް ހުއްޓުވައެއް ނުލެވޭނެ: މިއުވާން

ވަކި ބޭފުޅަކު ވަޑައިގަންނަވާތީ ރަށެއްގެ ސްކޫލެއްގައި ބާއްވާ ބައްދަލުވުމެއް މަޑުޖައްސާ ނުލެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މިއުވާން މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގަންނަވާއިރު ކުއްލިއަކަށް އެރަށްރަށުގައި ސްކޫލުތަކުގެ ބެލެނިވެރިންގެ ބައްދަލުވުންތައް ބާއްވާ ކަމަށް ބުނެ ރައީސް ނަޝީދު ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

މިއުވާން ވިދާޅުވީ ނިމިގެން ދިޔައީ އަހަރުގެ ފުރަތަމަ އެކަޑަމިކް ހަފްތާ ކަމަށާއި ފެށިގެން މި އުޅެނީ ދިރާސީ އަހަރުގެ ދެވަނަ ޓާމް ކަމުން ވަރަށް ގިނައިން ބެލެނިވެރިންގެ ބައްދަލުވުންތައް ސްކޫލުތަކުގައި ބާއްވަމުންދާ ކަމަށެވެ.

"އާންމު ގޮތެއްގައި ޓާމް ބްރޭކްތަކަށް ފަހު ކިޔަވަން ފަށާއިރު މިގޮތަށް ވަރަށް ގިނަ ޕޭރެންޓް ޓީޗާ މީޓިންތައް އޮވޭ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ސްކޫލްތަކަކީ ސިޔާސީ މަސައްކަތްތަކުން އެއްފަރާތްތަކޮށްފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ އެއްވެސް އެންގުމެއް އެއްވެސް ސްކޫލަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް އަންގާފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަހަރުގެ ކުރީކޮޅު ބައްދަލުވުންތަކެއް އޮވެދާނެ. އެއީކީ ވަކި ބޭފުޅެއްގެ ކެމްޕޭނާ ދިމާކޮށް ބާއްވާ ބައްދަލުވުންތަކެއް ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. ރައީސް ވަޑައިގަންނަވާ ރަށްރަށުގައިވެސް އޮވެދާނެ އެފަދަ ބައްދަލުވުންތަކެއް" މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ވަކި ބޭފުޅަކު ވަކި ރަށަކަށް ވަޑައިގަންނަވާތީ އެ ރަށެއްގެ ސްކޫލުގައި ބާއްވާ ބައްދަލުވުމެއް މަޑުޖައްސާލުމަކީ އެންމެ ހަމަޖެހޭ ގޮތް ނޫން ކަމަށެވެ.