މިއުވާން މުހައްމަދު

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ރައީސް ބޭނުމެއް ނުކުރައްވާނެ: މިއުވާން

ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިއުވާން މިހެން ވިދާޅުވީ ރައީސް ސޯލިހް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކެމްޕޭން ކުރައްވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި އުޅުއްވުމަށްފަހު ރަސްމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެއީ ރަސްމީ މަސައްކަތާއި އަމިއްލަ ސިޔާސީ ހަރަކާތްތައް ވަކިކުރައްވައިގެން ކުރެއްވޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ކެމްޕޭން ދަތުރުފުޅެއްގައި އުޅުއްވާފައި އައްޑޫގައި ހުންނަވާފައި ރަސްމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީ ދަތުރުފުޅަކަށް ބަދަލުކުރެއްވުމަށް މާލެ ވަޑައިގެންފައި އަނެއްކާ އައްޑޫއަަށް ވަޑައިގަތުމަކީ ޕްރެކްޓިކަލް ކަމެއްވެސް ނޫން. އަޅުގަނޑަކަށް ހިޔެއް ނުވޭ އެއީހެން ގާނޫނުގައި އެކަމުގައި ރޫހު އޮންނަ ގޮތަކީ" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުގައި ހުންނަވާއިރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެހެނިހެން ބައްދަލުވުން ތަކުގައި ވަރަށް ގިނައިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ތަފާތު ގްރޫޕްތަކާ ޕާޓީ ތަކާއެކުވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ވަސީލަތްތައް ރައީސް ބޭނުން ނުކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައީސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން މިއުވާން ދެއްވި އެވެ.