ލައިފްސްޓައިލް

ބަލިމީހުންނަށް ޖިންސީ ގޯނާކުރި ޔޫކޭ ޑޮކްޓަރު އުމުރަށް ޖަލަށް

އެންޖެލީނާ ޖޮލީގެ ބަލި ހާލަތުން މިސާލު ދައްކައިގެން 115 މީހުންނަށް ޖިންސީ ގޯނާ ކުރި ޑޮކްޓަރަކު ޖަލަށް ލައިފި އެވެ.

ޑރ. މަނީޝް ޝާހް އަކީ ޔޫކޭގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހެކެވެ.

ޑޮކްޓަރަށް ދައްކަން އަންނަ ބަލި މީހުންނަށް އޭނާ ގަސްދުގައި ޖިންސީ ގޯނާ ކޮށްފައިވަނީ އެންޖެލީނާ ޖޮލީ އަށް ދިމާވި ގޮތަށް އުރަމަތީ ކެންސަރު ޖެހިފައި ހުރެދާނެ ކަމަށް ބުނެ އެވެ.

ލަންޑަންގެ މޯނޭ ރޯޑުގައި ހުންނަ ކްލިނިކެއްގައި ޖެނެރަލް ޕްރެކްޓިޝަނާއެއްގެ ގޮތުގައި މަސައްކަތްކުރި 53 އަހަރުގެ މި ޑޮކްޓަރުގެ މައްޗަށް ދެ ޑަޒަނެއްހާ އަންހެން ބަލި މީހުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ މިދިޔަ ހޯމަ ދުވަހު ލަންޑަންގެ ކޯޓަކުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ނިޔާ ކަނޑައަޅާފަ އެވެ.

ޑރ. މަނީޝްގެ މައްޗަށް ސާބިތުވީ ހަމައެކަނި މި މީހުންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ނަމަވެސް އިތުރު 115 އަންހެނަކު އޭނާގެ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޑރ. މަނީޝް ކައިރިއަށް އަންހެން ބަލި މީހުން އައުމުން އޭނާ އެމީހުން ކައިރީގައި ބުނަނީ އެންޖެލީނާ ޖޮލީއަށް ބްރެސްޓް ކެންސަރުގެ ނުރައްކާ އޮވެގެން އުރަމަތީގެ ސާޖަރީ ހެދި ވާހަކަ އެވެ. މިއީ ކޮންމެ އަންހެނެއްގެ ފުރާނައަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އޭނާ ވަރަށް ވަރުގަދަޔަށް އަންހެން މީހާގެ ހަށިގަނޑު އެގްޒޭމްކުރާ ކަމަށްވެ އެވެ. އިތުރު އެހެން އެހީތެރިއަކު ވެސް ކައިރީގައި ނެތި ބަލި މީހާ އެކަނި ބާއްވައިގެންނެވެ.

ވަރަށް އާދައިގެ ބަލިތަކުގައި އޭނާ ކައިރިއަށް ދިޔަ ގިނަ އަދަދެއްގެ އަންހެނުންނަށް އޭނާ މިގޮތަށް ކަންތައް ކޮށްފައިވާ ކަމުގެ ތުހުމަތު ގިނަ ބަޔަކު ކޮށްފައި ވެއެވެ. ޑރ. މަނީޝްގެ މި އަމަލުތަކަކީ ގަސްދުގައި އެމީހުންގެ ގައިގައި އަތްލަން ކޮށްފައިވާ ކަމެއް ކަމަށްވެސް ކޯޓުގެ ހުކުމްގައި ވެއެވެ.

ޕްރޮސެކިއުޓާ ރިއެލް ކާމީ-ޖޯންސް ކޯޓުގައި ވިދާޅުވި ގޮތުގައި މަނީޝް ގޯނާކުރަން ހޯދަނީ ވަރަށް ނާޒުކު ހާލަތުގައި ތިބޭ އަންހެނުންނެވެ. އެމީހުންނަށް ތައުރީފުކޮށް އޭނާ އެންމެ ފުރަތަމަ އެމީހުންގެ އިތުބާރު ހޯދަ އެވެ. އަދި އެންޖެލީނާ ޖޮލީ އާއި އެނޫންވެސް ބްރެސްޓް ކެންސާ ޖެހުނު މީހުންގެ ވާހަކަތައް ކިޔައިދީގެން އެމީހުންގެ ހަށިގަނޑު ވެސް އެގްޒޭމްކުރަން އެއްބަސް ކުރުވަ އެވެ. މިގޮތަށް ޑޮކްޓަރު ގޯނާކުރިކަން ކޯޓަށް ސާބިތުވި 24 ވަރަކަށް އަންހެނުންގެ ތެރެއިން އެންމެ ހަގީ 15 އަހަރު ކުއްޖެކެވެ.

މި މީހުންގެ ތެރެއިން ގިނަ މީހުން އަދިވެސް ތިބީ މި ބިރުވެރި ތަޖުރިބާގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ ވެފަ ދިރިއުޅުމަށް ދަތިވެފަ އެވެ. އޭގެ ފަހުން ޑރ. މަނީޝްއާ ބައްދަލު ނުވާނެކަން ޔަގީންކުރުމަށް އެ ސަރަހައްދު ދޫކޮށް އެ މީހުން ވަނީ މާދުރު ހިސާބުތަކަށް ދިރިއުޅުން ބަދަލުކޮށްފައި ކަމަށް ވެއެވެ.

ބަލި މީހުން އެގްޒޭމްކުރުމަށްފަހު ޑރ. މަނީޝް ވަނީ އެމީހުންގެ މެޑިކަލް ރެކޯޑްސްތައް ވެސް ބަދަލުކޮށްފަ އެވެ. އޭގައި އޭނާ ލިޔެފައިވަނީ ބަލި މީހުން އަމިއްލައަށް އެދިގެން އެމީހުންގެ މެޑިކަލް އެގްޒެމިނޭޝަން ހަދާފައިވާ ކަމަށާއި އެކަން ކުރީ އެހީތެރިންގެ ވެސް ހާޒިރުގައި ކަމަށެވެ.

ހޮލީވުޑް ބަތަލާ އެންޖެލީނާ ޖޮލީ 2018ގައި ޑަބަލް މެސްޓެކްޓޮމީ (އުރަމަތި އެއްކޮށް ނެގުމަށް ހަދާ ސާޖަރީ) ހަދާފައި ވެއެވެ. އެއީ އޭނާގެ އާއިލާގައި އުރަމަތީ ކެންސަރު ޖައްސާ ޖީން ހުރުމާއި އަދި އޭނާއަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އޮތްކަން ޔަގީންވެގެންނެވެ.

ރިއަލިޓީ ޝޯ "ބިގް ބްރަދާ"ގެ ސެލެބްރިޓީ ޖޭޑް ގޫޑީ 2009ގައި މަރުވީ ސާވިކަލް ކެންސަރު ޖެހިގެންނެވެ. މިއީ ވެސް ޑރ. މަނީޝް ކައިރިއަށް އަންނަ ބަލި މީހުންނަށް އޭނާ ޖިންސީ ގޯނާ ކުރަން ދައްކާ އެއް ވާހަކަ އެވެ.

ޑރ. މަނީޝްގެ ޝިކާރައަކަށްވީ ބައެއް އަންހެނުން ކޯޓުގައި ބުނި ގޮތުގައި އެ އަނިޔާގެ ސަބަބުން އެމީހުންގެ މުޅި ދިރިއުޅުން ބަރުބާދުވެފައިވާ ކަމަށެވެ. އެއްވެސް ފިރިހެނަކަށް އިތުބާރުކުރަން ދަތިވެފައިވާ ކަމަށާއި ކައިވެނި ކުރިޔަސް ފިރިމީހާއާ އެކު އުފާވެރި ދިރިއުޅުމެއް ނޫޅެވޭ ކަމަށެވެ.

ބައެއް މީހުން ބުނީ އެމީހުންނަށް އަނިޔާ ލިބުނުތާ 12 ވަރަކަށް އަހަރު ފާއިތުވީއިރުވެސް އެ ބިރުވެރި ތަޖުރިބާ އެމީހުންގެ ހަޔާތަށް ނާމާންކަން ގެނެސްފައިވާ ކަމަށެވެ.

މަނީޝް އެމްބީބީއެސް ފުރިހަމަކުރީ 1993ގައި ޔުނިވަސިޓީ އޮފް ލަންޑަން އިންނެވެ. އަދި 2020 އިން ފެށިގެން ލަންޑަންގައި މެޑިކަލް ޕްރެކްޓިޝަނާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ.

މަނީޝްގެ ޝިކާރައަކަށްވީ ބަލި މީހުންގެ އެއްވެސް މެޑިކަލް ބޭނުމެއް ނެތި ހުރިހާ ލަދުވެތި ގުނަވަނެއް އޭނާ ވަރަށް ގަދަޔަށް އެގްޒޭމް ކުރި ކަމަށް ވެއެވެ.

ޑިޓެކްޓިވް ޗީފް އިންސްޕެކްޓާ ތާރިގު ފާރޫގު މީޑީއާގައި ވިދާޅުވީ ޑރ. މަނީޝްއާ ދެކޮޅަށް ކޯޓުގައި ހެކިބަސްދިން ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރާ ކަމަށެވެ. އެމީހުންގެ ހެކި ބަހުން ޑރ. މަނީޝް ޖަލަށް ލުމަށް މަގުފަހިވެފައިވާތީ އެވެ. އެހެން ނޫންނަމަ އިތުރު އެތައް ބަޔަކު ވެސް އޭނާގެ އަނިޔާގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ތާރިގު ވިދާޅުވި އެވެ.