ކުޅިވަރު

ސުޕަ ކަޕް ފައިނަލުގައި ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުމެއް

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ ބާސެލޯނާ އިން ހޯދައިފި އެވެ. ސައުދީ އަރަބިއާގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން ބާސެލޯނާ މޮޅުވީ ޕެނަލްޓީ ގައި 4-2 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. 90 މިނެޓު ނިމުނުއިރު ނަތީޖާ އޮތީ 1-1 ގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ދެޓީމުން ވެސް ގޯލު ޖެހި އެވެ.

މެޗުގެ 90 މިނެޓުގައި ބާސެލޯނާ އިން ޖެހި ދެ ގޯލެއް ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. ވީއޭއާރުން ފުރަތަމަ ކެންސަލްކުރީ 23 ވަނަ މިނެޓުގައި ޕެޑްރީ ޖެހި ގޯލެކެވެ. އޭގެފަހުން ރޮބާޓް ލެވަންޑޯސްކީ 81 ވަނަ މިނެޓުގައި ޖެހި ގޯލު ވެސް ގަބޫލެއްނުކުރި އެވެ.

މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީ އެވެ. ބެޓިސް އިން ނަތީޖާ ހަމަހަމަކުރީ 77 ވަނަ މިނެޓުގައި ނަބީލް ފެކީރް ޖެހި ގޯލުންނެވެ. އެއްވަރުވުމުން ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އަންސޫ ފާޓީ ވަނީ ބާސެލޯނާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ބެޓިސްގެ ލޮރެން މޮރޯންގެ ގޯލުން ނަތީޖާ ހަމަހަމަވި އެވެ.

އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ބާސެލޯނާގެ ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ ޕެނަލްޓީތައް ވައްދާލީ ލެވަންޑޯސްކީ އާއި އަންސޫ ފާޓީގެ އިތުރުން ފްރޭންކް ކެސިއޭ އަދި ޕެޑްރީ އެވެ. ބެޓިސް އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ވައްދާލެވުނީ ވިލިއަން ހޯސޭ އާއި މޮރޯން ޖެހި ޕެނަލްޓީތަކެވެ. އެޓީމުގެ ޖުއާންމީ އާއި ވިލިއަމް ކަވާލިއޯ ޖެހި ޕެނަލްޓީ ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓޭގަން މަތަކުރީ އެވެ.

މިއީ 20-2019 ވަނަ ސީޒަނުން ފެށީގެން ސުޕަ ކަޕް ހަތަރު ޓީމާ އެކު ކުޅެން ފެށިފަހުން ބާސެލޯނާ އާއި ރެއާލް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ ތިން މުބާރާތުގެ ތެރެއިން ސުޕަ ކަޕްގެ ޗެމްޕިއަންކަން ރެއާލް ވަނީ ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

ރެއާލް ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ވެލެންސިއާ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

ސައުދީގައި ކުޅޭ ސުޕަ ކަޕް ފައިނަލުގައި ރެއާލް އާއި ބާސެލޯނާ ވާދަކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ މެންދަމު 12 ޖަހާއިރު އެވެ.