ހަބަރު

ހައިކޯޓުގެ ހުކުމެއްގައި ދުސްތޫރީ މައްސަލައެއްވާނަމަ އިސްތިއުނާފުކުރަން 30 ދުވަސް

ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ދުސްތޫރީ މައްސަލަތައް އިސްތިއުނާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ ސާކިއުލާއެއް ނެރެފިއެވެ. މި ސާކިއުލާ ނެެރެފައިވަނީ މިއަދު ސްޕްރީމް ކޯޓުންނެވެ.

މި ސާކިއުލާ ގައި ވާގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާ މައްސަލައެއްގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއްވިޔަސް ބާތިލުކަމަށް ކަނޑައަޅައި ހުކުމްކޮށްފިނަމަ، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަށަވަރު ކުރަންވާނެ އެވެ.

އެ މައްސަލައެއްގައި ހައިކޯޓުން ހުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި މައްސަލައިގެ ފައިލް، ލިޔުންތަކާއެކު ހައިކޯޓުން ސްޕްރީމް ކޯޓަށް ފޮނުވާން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ. އަދި ބަންޑާރަ ނައިބު ނުވަތަ އިސްތިއުނާފު ކުރުމުގެ ހައްގި އޮތް އެހެން ފަރާތަކުން މައްސަލާގައި ހުކުމް ކުރިތާ، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 30 ދުވަހުގެ ތެރޭގައި ސްޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަންވާނެ ކަަމަށް ވެސް ސާކިއުލާގައިވެއެވެ.

ސާކިއުލާގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާނަމަ ސްޕްރީމް ކޯޓުން އިސްނަގައިގެން ބަންޑާރަ ނައިބާއި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމާއެކު ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންެޖހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ.