ރަޝިއާގެ ތެޔޮހޮޅިތައް މެދުވެރިކޮށް ކަޒަކިސްތާނުން 300،000 ޓަނުގެ ތެޔޮ ޖަރުމަނަށް ފޮނުވަން ނިންމައިފި އެވެ.
މިއީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޖަރުމަނު ތެލަށް ޖެހުމުން ސަލާމަތްކުރަން ކުރެވޭ މަސައްކަތެއް ކަމަށް ކަޒަކިސްތާންގެ ތެޔޮ ކުންފުނިން ބުނެ އެވެ.
ރަޝިއާ އާއި ޖަރުމާނާ ދެމެދު ނުތަނަވަސްކަން އޮތް ނަމަވެސް ޖަރުމަނަށް ތެޔޮ ފޮނުވުމުގައި ރަޝިއާގެ ތެޔޮހޮޅިތައް ބޭނުންކުރުން ނުހުއްޓުވާނެ ކަމަށް ރަޝިއާ ބުނެ އެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ދެއްވާނެ ކަމަށް ވެސް އެ ގައުމުގެ ތެޔޮ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކަޒަކިސްތާނުން ދުނިޔޭގެ ގައުމުތަކަށް ތެޔޮ ވިއްކުމުގައި ރަޝިއާގެ އެއްބާރުލުން ހޯދުމަށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި އޮންނަ އެއްބަސްވުމެއް ވެސް އޮވެ އެވެ. ޖޫން ހަތެއް، 2002 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކަޒަކިސްތާނުން ތެޔޮ ވިއްކާ ގައުމުތަކަށް ތެޔޮ ފޮނުވުމަަށް ރަޝިއާގެ ތެޔޮހޮޅިތައް ބޭނުންކުރެވެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކުރުމަށް ހުޅަނގުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ރަޝިއާއަށް އާމްދަނީ ލިބެން ހުރި ކޮޅުތައް ބަންދުކުރުމަކީ ދަތިކުރުންތަކުގެ އަސާސެވެ.
ރަޝިއާގެ ތެލާއި ހަކަތައިގެ ބާވަތްތައް ގަތުމަކީ ހުޅަނގުން އަމިއްލައަށް މަނާވެގެންފައި އޮތް ކަމެކެވެ.
އެހެންކަމުން ޖަރުމަން ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި އެ ގައުމުތަކަށް ވަނީ ދަތި ހާލު ޖެހިފަ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ފިނި މޫސުން ލައިގަނެ ހިނގަމުން ދާއިރު އާންމުން ވަރަށް ދަތި ހާލުގައި އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ. ގުދުރަތީ ގޭސް ބޯޓުދެލި ފަދަ ފިނު މޫސުމުގައި އާންމުންނަށް އެންމެ ބޭނުންޖެހޭ ބާވަތްތައް މި އަހަރު ޔޫރަޕްގައި އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ.