ލައިފްސްޓައިލް

މައިންބަފައިންގެ އަހުލާގުގެ އަސަރު ދަރިފުޅުގެ ސިއްހަތަށް!

ކުޑަކުދިން އުޅޭ ގޮތް އެނގެއެއް ނޫން ހެއްޔެވެ؟ ފެންނަ މަންޒަރު އެމީހުން ކޮޕީކުރާނެ އެވެ. ކަންކަން އިހްސާސްކުރާނެ އެވެ. ދަސްކުރާނެ އެވެ. -- އެންމެ ގާތުގައި ހުންނަ މަންމަ އާއި އެންމެ ގާތުން ފެންނަ ބައްޕަގެ އަމަލާއި އަހުލާގަށް ބަލައިގެންނެވެ.

މަންމަ، "ބައެ ބައެ" އޭ ކިޔާފައި އަތުގެ އިނގިލިތަކުން އިޝާރާތްކުރީމަ އަށް މަހުގެ ތުއްތު ދަރިފުޅު އެ ހަރަކާތް ވެސް ކޮޕީކޮށް ހަމަ އެގޮތުގައި އިނގިލިތަކުން ހަރަކާތްކުރެ އެވެ. ހަގީގަތަކީ މަންމަ އާއި ބައްޕަގެ ފަރާތުން ފެންނަ އަމަލުތައް "މިމިކް" ކުރުމަށް އެމީހުންގެ ދަރިން ވަރަށް ވެސް މޮޅު ކަމެވެ.

އެހެންވީމަ ތިމާގެ އަމަލާއި އަހުލާގު މި ވަނީ ދަރިފުޅުގެ ސިއްހަތަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އަސަރު ކުރުމާ ކަންކަމަކަށެވެ. މިގޮތަށް ވިސްނައިގެން، ދަރިންގެ ކުރިމަތީގައި ރޯލް މޮޑެލްއަކަށް މަންމަ އާއި ބައްޕަ އަށް ވެވިއްޖެ ނަމަ އެ ކުދިންގެ ދިރިއުޅުން އުފާވެރިވެ ސިއްހީ ގޮތުން ދުޅަހެޔޮ ކުދިންތަކަކަށް ވެސް ބަދަލުވެގެންދެ އެވެ.

މިއީ ހަމައެކަނި ދިރާސާއެއް ނޫންކަން ގަބޫލުކުރުމަށް ޖެހޭނީ މިކަން އަމިއްލަ އަށް ތަޖުރިބާކޮށްލާށެވެ.

އަމިއްލަ ނަފުސަށް އެއްޗެހި ނުކިޔާށެވެ!

ދަރިންގެ ކުރިމަތީގައި މި ދަރަޖަ އަށް ވެއްޓިގަނެ އަމިއްލަ ނަފުސުގެ ބަލިކަށިކަން ދައްކައި ތިމާއާ ދިމާލަށް އަމިއްލަށް އެއްޗެހި ގޮވުމަކީ ނުވަތަ ފާޑުކިޔުމަކީ ނިކަން ނުބައި މެސެޖުތަކެއް އެ މަންޒަރެއް ބަލަން ތިބޭ ކުދިންގެ ސިކުނޑިއަށް ވައްދާނެ ކަމެކެވެ.

މިސާލަކަށް މަންމަ އަކީ ތަންކޮޅެއް ފަލަކޮށް ޗަބީކޮށް ހުންނަ މީހަކަށްވެފައި މަންމަ އެކަމާ ނުރުހިގެން ނުވަތަ ހިތްހަމަނުޖެހިގެން އަމިއްލަ މީހާގެ ސިފަ އަށް ފާޑުކިޔާ އަޑު އިވުނީމަ އަޑުއަހަން އިންނަ ދަރިފުޅަށް ވިސްނޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ ފަލަ މީހާ އެއީ އެންމެ ހަޑި މީހާގެ ގޮތުގައެއް ނޫން ހެއްޔެވެ؟ ހަގީގަތަކީ އެއީ ނޫންކަން އަހަރު ދެ އަހަރުގެ ކުޑަ ކުއްޖާ އަށް ވިސްނޭނީ ކިހިނެތް ހެއްޔެވެ؟ އަނެއްކޮޅުން ނަމޫނާ އެ ދައްކަނީ މަންމަ އެވެ.

ސެލްފް އެސްޓީމްއާ ގުޅިފައިވާ މިފަދަ ކޮމެންޓްތައް މަންމަމެންގެ އުނގުން އެންމެ ފަސޭހައިން ހޮވާ ބަޔަކީ އަންހެން ކުދިންނެވެ. މަންމަގެ ޑިޕްރެޝަން ބޮޑުވެ އެ މަންޒަރު ދަރިފުޅަށް ދެއްކީމަ ލޯގަނޑުން ދައްކާ މަންޒަރު ދެކެ ދަރިފުޅު ވެސް އަންނާނީ ރުޅި އެވެ.

ޖަޒުބާތީ ކެއުމުގެ ނުބައި އާދަ

ކަމަކާ ދެރަވެ ހިތްހަމަނުޖެހި ޑިސެޕޮއިންޓްވެފައި ވާ ވަގުތުތަކުގައި ބޯ ހަމަޖައްސާލުމަށް ނަގާ ފަރުވާ އަކަށް ކެއުން ހަަދާ ނަމަ ދަރިފުޅަށް ތިޔަ ދެއްކެނީ އަދި އެންމެ ރަނގަޅު ނަމޫނާއެއް ނޫނެވެ. މީހަކު ދެކެ ރުޅި އަންނައިރަށް އެއްޗެއް ހަލާކުކޮށްލުމާއި ފޫހިވާއިރަށް ގޮސް ފްރިޖުގައި ހުންނަ ހުރިހާ އެއްޗެއް ކައި ހުސްކޮށްލުމަކީ ދަރިފުޅަށް ނުބައި މާނަތަކެއް ދަސްކޮށޭނެ އަމަލުތަކެކެވެ.

ބޯގޮވައިގެން އުޅޭ ވަގުތުތަކުގައި އެއްޗެހި ހަލާކުކޮށް ކެއުމުގެ ބަދަލުގައި މައްސަލަ އަށް ހައްލެއް ލިބޭނެ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ދަރިފުޅަށް ނަމޫނާ ދައްކާށެވެ. އެކުވެރިޔަކާ މަޝްވަރާކޮށްލާ އެކުގައި ވަގުތު ހޭދަކޮށްލާ ހިނގާލަން ގޮސްލުން ފަދަ ކަމެއް ކިހިނެތްވާނެ ހެއްޔެވެ؟ ޔަގީނަށް ވެސް އަމިއްލަ އަދި ދަރިފުޅުގެ ސިއްހަތަށް ވެސް މާ ފައިދާކުރާނެ އެވެ.

އަބަދު ފޯނާ ކުޅެން ނުވަތަ ގޭމެއް ކުޅެން

މި ރާއްޖޭގައި އެންމެ ވިސްނޭ މަންމަ އިންނާއި ބައްޕައިން ނިސްބަތްވަނީ ޅެންވެރިންގެ ތެރެޔަށެވެ. މުޖުތަމައުގެ ނިކަން ބޮޑު މައްސަލައެއް އާންމުންގެ ސަމާލުކަމަށް ގެނައުމަށް ޝާއިރުންގެ ޓީމަކުން އެ ވަނީ ނިކަން ވަރުގަދަ "ވައިބަރު" ލަވައެއް ނެރެފަ އެވެ.

ސްމާޓް ފޯނުގެ ބާރުގަދަ މި ދުނިޔޭގެ އޭގެ އަޅަކަށް މައިންބަފައިން ވެފައިވާ މަންޒަރު ދަރިންނަށް ނުދައްކާށެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ؟ ދަރިފުޅު ރޮއެގަތީމަ ބުއްޖެއްސުމުގެ ބަދަލުގައި ނުވަތަ ތުބެއް ދިއްކޮށްލުމުގެ ބަދަލުގައި ވެސް އެ ދަރިފުޅުގެ އަތަށް މި ދިއްކޮށްލެވެނީ ސްމާޓް ފޯނެކެވެ. އައިޕެޑެކެވެ.

މިއީ ހަގީގަތުގައި ވެސް ދަރިފުޅުގެ ސިކުނޑި އަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަމެވެ. މިފެންވަރުން ދާ ނަމަ މުސްތަގުބަލުގެ ދަރިން އުޅޭނީ ކޮން ފަދަ ހާލެއްގައިތޯ އެވެ؟

ފޯނާއި ޓީވީ ބެލުމުގައި ގިނަ ވަގުތު ހޭދަކުރާ ކުދިންނަށް ނިދުމުގެ މައްސަލަ ދިމާވެ އެވެ. ސްކޫލް ޕާފޯމެންސް ދަށްވެ އެވެ. ސިއްހީ މައްސަލަތަކުން ބަރުދަނަށް ބަދަލު އާދެ އެވެ.

ހުރިހާ ކަމެއް ވާދަވެރިކަމަކަށް ނަހަދާށެވެ!

ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެންމެ އަވަހަށް ކެވެނީ ކާކަށް ހޭ ކިޔާފައި ކެއުމުގެ ރޭހެއްގައި ދަރިފުޅު ބަލިކުރާތަނެވެ. ނުވަތަ އޭނާ އަވަހަށް ކާނޭ ގޮތް ހެދުމަށް އެ ރޭހެއްގައި މަންމަ ނުވަތަ ބައްޕަ އަމިއްލަ އަށް ބަލިވެ ދަރިފުޅަށް ކުރި ލިބޭ ގޮތް ހަދަނީ އެވެ.

މިއީ އޭގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ކަންކަމުގައި ވާދަވެރިކަން އޮންނަ ޖެހޭނެ ކަމަށް ކުދިންނަށް މިފަދަ ގޮތަށް ވިސްނައިދިނުމަކީ ގޯސް ކަމެކެވެ.

އޭގެ ބަދަލުގައި ވިސްނައިދޭންވީ ދަރިފުޅަށް ދަރިފުޅުގެ ބެސްޓް ދެއްކުމަށެވެ. ދަރިފުޅުގެ ބެސްޓުން އަދި އެއް ވަނައެއް ނުލިބިދާނެ އެވެ. އެންމެ މޮޅު ކުއްޖާ އަށް ވެސް ނުވެދާނެ އެވެ. އެކަމަކު ގަދައަޅައި މަސައްކަތްކޮށްގެން އެ ހިސާބަށް ވެސް ދެވިދާނެކަން ވިސްނައިދޭންވީ އެވެ.