އެމްއޭސީއެލް

ކެމްބޯޑިއާ ބޮޑުވަޒީރު ވަޑައިގަންނަވާތީ ބައެއް ސަރަހައްދުތައް ބަންދު

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ ހުޅުލޭގެ ފަޅާއި މަގުން ބައެއް ބަންދުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެއް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުން މަގާއި ފަޅު ބަންދުވާނީ މާދަމާގެ ހެނދުނު ނުވައަކުން 11 އަށެވެ. އަދި މިމަހު 17 ވަނަ ދުވަހުގެ ހެނދުނު 07:30 އިން 08:30 އަށެވެ.

އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި މަގާއި ފަޅު ބަންދުވާ ވަގުތުތަކުގައި އެމްއޭސީއެލްގެ ސްޓާފް ބަހާއި އެމްޓީސީސީގެ ބަސް ހުއްޓާނީ ވެސްޓަން ޕާކިން ސަރަހައްދަށެވެ. އަދި އެމްއޭސީއެލްގެ ފެރީ ގާތްކުރާނީވެސް ވެސްޓަން ޕާކިންގެ ބަނދަރަށެވެ.

މިވަގުތުތަކުގެ އެއް ގަޑިއިރު ކުރިން ފެށިގެން ކާގޯ ޓާމިނަލް އާއި ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރާ ހަމައަށް އެސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވުމަށްވެސް އެމްއޭސީއެލް އިން އެދިފައިވެ އެެވެ.

ބޮޑުވަޒީރު ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ހުޅުލޭގެ ބައެއް މަގާއި ފަޅު ބަންދުވާ ވަގުތުތަކުގައި އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ އުތުރު ކަންމައްޗާއި ދެމެދުގައިވާ މަގުވެސް ބަންދުކޮށްލަ އެވެ. އަދި މި ވަގުތުތަކުގައި އެސަރަހައްދުން ހިނގާ ބިނގާވެ އުޅުމުގައިވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދަށް އަމަލުކުރުމަށް އެމްއޭސީއެލްއިން އެދިފައިވެ އެވެ.

ބައެއް ސަރަހައްދުތައް ބަންދުވާތީ ކުރިމަތިވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލް އިން ވަނީ މައާފަށްވެސް އެދިފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދަޢުވަތަކަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ކުރައްވާ ދަތުރުފުޅެކެވެ.