ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކެއް ހިޔާ ފްލެޓުގައި ހުޅުވަނީ

ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކެއް މާދަމާ ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މި ކްލިނިކް ހުންނާނީ ހިޔާ ފްލެޓް އެޗް-16 ގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ފޭސް ދޭއްގައި ހުޅުވާ މި ކްލިނިކުން އެންމެ ފުރަތަމަ ފަރުވާ ދޭނީ އާންމު ބަލިތަކަށް ކަމުގައި ވިޔަސް ވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދައްކާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަދައިދިނުމުގެ ހިދުމަތް މި ކްލިނިކުން ލިބޭނެ އެވެ.

މީގެ އިތުރުން ލެބޯޓްރީ ޓެސްޓްތައް ހެދުމާއި ޕަބްލިކް ހެލްތް ޔުނިޓަކާއި އެސްޓީއޯގެ ފާމަސީގެ ހިދުމަތްވެސް މި ކްލިނިކުން ލިބޭނެ އެވެ.

މި ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.

މިއީ ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުން ގިނަވުމުން ހޮސްޕިޓަލަށް ދިމާވާ މައްސަލަތައް ހައްލުކޮށް ގިނަ މީހުންނަށް ފަރުވާ ދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެ އެވެ.