ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުން ބޭސް ނަގަން ކޮންމެ ފަހަރަކު ޑޮކްޓަރު ކައިރިއަށް ގޮސްގެން ބޭސް ސިޓީ އާކުރަންޖެހޭތީ އައިޖީއެމްއެޗްގައި އެކަމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި އެވެ،
ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުން މިހާރު ބޭސް ސިޓީ ހައްދަނީ ކޮންމެ ފަހަރަކު އެޕޮއިންޓްމަންޓެއް ނަގައި ޑޮކްޓަރަށް ދެއްކުމަށްފަހު އެވެ.
އައިޖީއެމްއެޗް އިން މިއަދު ބުނީ ބޭސް ސިޓީ އާކުރަންޖެހޭ މީހުންނަށް މިހާރު ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ބޭސް ސިޓީ އާކުރަންޖެހޭ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އައިޖީއެމްއެޗްގައި "ޑްރޮޕް ބޮކްސް"ގެ ނަމުގައި ބަހައްޓާފައި ފޮއްޓަށް ބޭސް ސިޓީ ލުމުން ޖެހިގެން އަންނަ ދުވަހު އާ ބޭސް ސިޓީ ލިބޭނެ ކަމަށެވެ.
ޑްރޮޕް ބޮކްސްއަށް ބޭސް ސިޓީ ލެވޭނީ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ.
ބޭސް ސިޓީ އާކުރުމަށްފަހު ބަލިމީހާގެ އެހީތެރިޔާއަށް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 02:00ގެ ނިޔަލަށް ބޭސް ސިޓީ ދޫކުރާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗް އިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލާ އެކު ބޭސް ސިޓީ އާކުރަންޖެހޭ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.