ދުނިޔެ

އިޒްރޭލުގެ ކުރީގެ ރައީސް ޕެރޭޒްގެ ހާލު ދެރަވެ ހޮސްޕިޓަލްގައި ފަރުވާދެނީ

Jan 25, 2016
1

ގުދުސް (24 ޖެނުއަރީ) - އިޒްރޭލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒްގެ ހާލު ދެރަވެގެން ރޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުފުޅުން 92 އަހަރުގެ ޕެރޭޒް އަށް ވަނީ މީގެ 10 ދުވަސް ކުރިން އާދައިގެ ހާޓް އެޓޭކެއް ޖެހިފަ އެވެ. އެއަށް ފަހު، ބެނދިފައިވާ ހިތުގެ ނާރެއްގެ އޮޕަރޭޝަނެއް ކުރެއްވި އެވެ.

ޕެރޭޒްގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ އެބޭފުޅާ އަށް ފަރުވާ ދެމުން އަންނަނީ މައި ރަށް ތެލް އަވީވްގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

ޕެރޭޒް އަކީ އިޒްރޭލުގެ އެންމެ މަގްބޫލު ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މަސައްކަތުގައި ވެސް ނިކަން ބޮޑަށް ފާހަގަކޮށްލެވުނު ލީޑަރެކެވެ.

އިޒްރޭލުގެ ރައީސްކަން އެ ބޭފުޅާ ކުރެއްވީ 2007 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ވެސް ކުރެެއްވި އެވެ.

ޕެރޭޒް އަކީ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނާއި އިޒްރޭލުން އޮސްލޯ އެއްބަސްވުން ގާއިމުކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއިރު އިޒްރޭލުގެ ފަރާތުން އިސް މެދުވެރިއެއްގެ ރޯލު ކުޅުއްވި ބޭފުޅެކެވެ. އެ މަސައްކަތާ ގުޅިވަޑައިގެން 1994 ވަނަ އަހަރު އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު ރާބިން އާއި ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާ އެކު ނޮބެލްގެ ސުލްހައިގެ އިނާމް ހިއްސާކުރެއްވި އެވެ.