އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 0-3 އިން ލިވަޕޫލް ބަލިވި މެޗަކީ އޭނާގެ ހަނދާނުގައި ލިވަޕޫލް އެންމެ ދަށްކޮށް ކުޅުނު މެޗު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލީގުގައި ރޭ ބްރައިޓަން އިން ލިވަޕޫލް ބަލިކުރީ މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ބްރައިޓަންގެ ކުޅުންތެރިން ހުއްޓުވުމުގައި ލިވަޕޫލަށް މުޅި މެޗުގައި ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ.
"އަހަރެން ހަނދާނެއް ނުވޭ މިހާ ދަށްކޮށް ދިޔަ ދުވަހެއް. ހަގީގަތުގަވެސް ހަނދާނެއް ނެތް. ބްރައިޓަން ވަރަށް މޮޅަށް ކުޅުނު. އެމީހުން މޮޅުވުން ހައްގު. ވަރަށް އޯގަނައިޒްކޮށް ޓީމެއް ކުޅުނީ އޯގަނައިޒް ނޫން ޓީމަކާ" މެޗަށް ފަހު ކްލޮޕް ބުންޏެވެ.
ނަތީޖާ އިން ކަންބޮޑުވޭތޯ ސުވާލު ކުރުމުން ކްލޮޕް ބުނީ އެގޮތަށް މެޗަކުން ބަލިވުމުން ކަންބޮޑުނުވެ ނުހުރެވޭނެ ކަމަށެވެ.
މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ 18 މެޗަށް ފަހު ލިވަޕޫލް އޮތީ ކްލޮޕް ލިވަޕޫލްއާ ހަވާލުވި ފަހުން ފުލް ސީޒަނެއްގައި ލިބުނު އެންމެ ދަށް ނަތީޖާގަ އެވެ. އޮކްޓޯބާ 2015 ގައި ލިވަޕޫލްއާ ހަވާލުވެ ލިވަޕޫލް އައީ ސީޒަނަކަށް ފަހު ސީޒަނެއްގައި ނަތީޖާ ރަނގަޅު ކުރަމުންނެވެ. މިފަހަރު ލީގުގައި 26 ޕޮއިންޓް ގެއްލިފައިވާއިރު 28 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ނުވަ ވަނައިގަ އެވެ.
ރޭގެ މެޗު ފަށައިގެން ބްރައިޓަން އިން ދިޔައީ ފުލުފުލުގައި ލިވަޕޫލަށް ނުރައްކާ ކުރަމުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ރަނގަޅު ފޯމެއްގައި ހުރި ސޮލީ މާޗް އެވެ. އަދި ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓުގައި މާޗް ވަނީ ބްރައިޓަން އަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. ބްރައިޓަންގެ ފަހު ގޯލު 81 ވަނަ މިނެޓުގައި ޖެހީ ޑެނީ ވެލްބެކް އެވެ.
މޮޅާ އެކު ބްރައިޓަން ވަނީ 30 ޕޮއިންޓް ހޯދައި އަށް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެވަޓަން ވަނީ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 2-1 އިން ބަލިވެފަ އެވެ. އެވަޓަން އާއި ސައުތެމްޓަނަށް 15 ޕޮއިންޓް ލިބިފައިވާއިރު މި ދެޓީމު އޮތީ ލީގުގެ ފުލުގަ އެވެ.
ނޮޓިންހަމް ފޮރެސްޓުން ރޭ އަމިއްލަ ދަނޑުގައި ވަނީ ލެސްޓާ ސިޓީ 0-2 އިން ބަލިކޮށްފަ އެވެ. ވުލްވްސް އިން އަމިއްލަ ދަނޑުގައި 0-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރިއިރު ރޭ ކުޅުނު ފަހު މެޗުގައި ބްރެންޓްފޯޑް ވަނީ ބޯންމައުތު އަތުން 0-2 އިން މޮޅުވެފަ އެވެ.