ފޯކައިދޫ

ޑްރަގު މައްސަލައިގައި ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 15 ދުވަސް

Jan 15, 2023

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފޯކައިދޫ ސުކޫލުގެ ޓީޗަރުގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

މިމައްސަލައިގައި އުމުރުން 47 އަހަރުގެ ޓީޗަރާ އެކު އުމުުރުން 20 އަހަރުގެ މީހަކުވެސް އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި އެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ޓީޗަރުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުުރުމުގެ ތުހުމަތުގަ އެވެ.

ފޯކައިދޫން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޓީޗަރު ދިރިއުޅޭ ގެ ބަލައި ފާސްކޮޮށް މަސްތުވާތަކެއްޗާ އެކު ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއް ވެސް ފުލުހުން ގެންދިޔަ އެވެ.

ޓީޗަރަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް އުޅޭ ކަމަށްވެސް އަވަސް އަށް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.