ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބޮޑުވަޒީރު ހުން ސެން އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ހުން ސެން ރާއްޖެ އަށް ފެއްޓެވި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.