ރަޝިއާގެ ވަރުގަދަ އެތަކެއް އާ މިސައިލް ހަމަލާތަކެއް އިއްޔެ އާއި މިއަދު ޔޫކްރޭނަށް ދީފި އެވެ.
ޔުކްރޭނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޑެނިޕްރޯއަށް ދިން ހަމަލާ އެޕާޓްމަންޓް ބްލޮކަކަށް އަމާޒުވެ އެތަން ބިމާހަމަވެ 14 މީހުން ވަނީ މަރުވެފަ އެވެ.
ރަޝިއާގެ މި ހަމަލަތައް އަމާޒުކޮށްފައިވަނީ ވެރިރަށް ކިއޭވްގެ އިތުރުން އިރުމަތީ ސިޓީއެއް ކަމަށްވާ ޑެނިޕްރޯއަށާއި، ކަރްކީވް އަދި އޮޑިއްސާ އަށެވެ.
ޔޫކްރޭނުގެ އެތަކެއް ސިޓީތަކުގެ ހަކަތައިގެ ވަސީލަތްތަކަށް ދެވުނު މި މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި އިމަޖެންސީ ހާލަތަށް ގޮސް އަނދިރިކަމުގެ ތެރެއަށް ވެއްޓިފައިވެ އެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އިނގިރޭސިވިލާތުން ވަނީ ޗެލެންޖާ ޓޫ ޓޭންކްތައް ޔޫކްރޭނުގެ ދިފާއަށް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އިނގިރޭސި ބޮޑުވަޒީރު، ރިޝީ ސުނަކް ދާދިފަހުން ވިދާޅުވެފައިވަނީ އިނގިރޭސި އަސްކަރިއްޔާ އިން ހަނގުރާމައިގަ ބޭނުންކުރާ އެންމެ މައި ޓޭންކް ޗެލެންޖާ، ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމަށް އެހީތެރިވެވޭނެ ކަމަށެވެ.
ރަޝިއާ އިން ރައްދުގައި ބުނެފައިވަނީ ޔުކްރޭނަށް ނޭޓޯއާއި ހުޅަނގުން އިތުރު ޚަތިޔާރު ފޯރުކޮށްދޭނަމަ ހަނގުރާމަ އިތުރަށް ވަރުގަދަވާނެ ކަމަށާއި އެކަމުން އާންމުންނަށް ލިބިގިންދާނެ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ޔުކްރޭނުގެ ރައިސް ވްލަޑީމިއާ ޒެލެންސްކީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވިދާޅުވެފައިވަނީ ރަޝިއާގެ މިފަދަ ހަމަލާތައް ހުއްޓުވޭނީ މިކަމަށް ބޭނުންވާ އައު ޚަތިޔާރު ގިނަ އަދަދަކަށް ނޭޓޯއާއި ހުޅަނގުން ފޯރުކޮށްދެމުން ގެންދާނަމަ ކަމަށެވެ. އަދި ޔުކްރޭނުގެ ސިފައިން އެތަކެއްޗަށް އިންތިޒާރު ކުރަމުންދާ ކަމަށާއި އެންމެ ފަހުގެ ހަމަލާތަކުގައި ރަޝިއާގެ 30 މިސައިލުން 20 މިސައިލް ވައިގެ ތެރޭގައި ނައްތާލާފައިވާ ކަމަށެވެ.
ޑެނިޕްރޯއަށް ދެވުނު ހަމަލާއެއް ނުވަ ބުރީގެ އިމާރާތަކަށް އަމާޒުވެ އެތަކެއް ފްލޯއެއް ބިމާ ހަމަވެ 73 މީހަކު ޒަޚަމްވެފައިވާ ކަމަށް ޔޫކްރޭނުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މީގެތެރޭގައި 14 ކުޑަކުދިން ހިމެނެ އެވެ. މި އިމާރާތުގެ ތެރެއިން 38 މީހަކާއި ހަ ކުޑަކުދިން ސަލާމަތް ކުރިކަމަށް ޔުކްރޭންގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މިހަމަލާ ފާހަަގަކުރެވިފައިވަނީ މިފަހުން ދެވުނު އެންމެ ވަރުގަދަ ހަމަލާ އަށެވެ.
ޔޫކްރޭނުގެ ރައިސް ޒެލެންސްކީ ވިދާޅުވީ ހަމަލާދީ ސުންނާފަތިކޮށްލި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މުޅި ރޭ ކުރިއަށް ގެންދާނެ ކަމަށެވެ.
"އަހަރަމެން ހުރިހާ އެންމެންގެ ހައްގުގައި މަސައްކަތް ކުރާނަން. ކޮންމެ ފުރާނައެއް ރައްކާތެރިކުރާނަން،" ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިއާއިން ޔޫކްރޭނުގެ ހަކައިތައިގެ މަރުކަޒުތަކަށް އަމާޒުކުރި މިހަމަލާ އާންމުންގެ އިމާރާތަކަށް އަރާފައި މިވަނީ ރަޝިއާގެ އަމާޒު ކުޑަ މިސައިލަކުން ކަމެއް ނުވަތަ ޔުކްރޭނުން ވައްޓާލި މިސައިލަކުން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް މިތަނާ ދާދި ކައިރީގައި ހަކައިތައިގެ މަރުކަޒެއް ހުރެ އެވެ.
ޔުކްރޭނުގެ ހަކަތައިގެ މަރުކަޒުތަކަށް އަލުން ހަމަލާދީފައި މިވަނީ ހަމަލާ ނުދީ ދެ ހަފްތާއެއްގެ މުއްދަތުގެ މެދުކެނޑުމަކަށްފަހު އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެންމެ ބޮޑަށް މިހަމަލާއިން ދަތިތައް ކުރިމަތިވެފައިވަނީ ވެރިރަށް ކިއޭވް އަދި ކަރްކީވްގެ ސަރަހައްދުތަކަށް ކަމަށެވެ. ޔުކްރޭނުގެ ސްޓޭޓް ހަކަތައިގެ ކުންފުނި -- ޔުކްރެނާޖޯ އިން ބުނެފައިވަނީ 24 ގަޑިއިރު މިވަގުތު ކަރަންޓް ދެވެނީ ހުރިހާ ސަރަހައްދުތަކަށްވެސް މިރޭގެ މެންދަން ވަންދެން ކަރަންޓް ދޭ މިންވަރު މަދުކޮށްފައިވާތީ ކަމަށެވެ.
ހުޅަނގުގެ ގައުމުތަކާއި ޔުކްރޭންގެ އޮފިޝަލުން ދެކޭ ގޮތުގައި ހަކަތައިގެ މަރުކަޒުތަކަށް ރަޝިއާ އިން ދެމެންދާ ހަމަލަތައް ދާދި އަވަހަށް ހުއްޓޭނެ އެވެ. ސަބަބަކީ މިކަމަށް ބޭނުންވާ މިސައިލްތަކުގެ އަދަދު މަދުވާހެން ހީވާ ކަމަށާއި އަދިވެސް ހަކަތައިގެ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުން ޔޫކްރޭނުގެ ހިތްވަރު އެލުވާލެވިފައިނުވަތީ ކަމަށެވެ.
ދާދިފަހުން ތުރުކީގެ ރައިސް އެރްދުއާންގެ ޚާރިޖީ މުޝީރު، އިބްރާހިމް ކަލިން ވިދާޅުވެފައިވަނީ ހަމަލާތައް ހުއްޓާލުމަށް ބާރުއަޅާނެ ކަމަށާއި މި ހަނގުރާމަ ކާމިޔާބު ކުރުމަށް އެއްފަރާތެއްގައިވެސް ބޭނުންވާ އަސްކަރީ ގާބިލްކަން ނެތް ކަމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ހޮނިހިރު ދުވަހުގެ ހަމަލާތަކަކީ މޮސްކޯއިން އަދިވެސް މިފަދަ ހަމަލާތައް ކުރިއަށް ގެންދިއުން މުހިންމުކަން ދެކޭކަން އަންގައިދޭ ހަމަލާތަކެއް ކަމަށެވެ.