ކެމްބޯޑިއާ

ކެމްބޯޑިއާ އާއި ބޮޑުވަޒީރުގެ ފަސްމަންޒަރު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ މިވަގުތު ދުނިޔޭގެ ގައުމެއްގައި އެންމެ ދިގުމުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ސިޔާސީ އަދި އިގްތިސާދީ ގޮތުން އެއްބާރުލުމަށް އުފައްދާފައިވާ ޖަމިއްޔާ -- އާސިއާންގެ މެންބަރު ގައުމެއް ކަމަށްވާ ކެމްބޯޑިއާ އަކީ އިގްތިސޯދީ ގޮތުން ބަލިކަށި ގައުމެކެވެ. އަދި މާދުރު ނޫން މާޒީގައި ސިޔާސީ ހަމަނުޖެހުމާއި ދާޚިލީ އެތައް ހަމަނުޖެހުމެއް ހިނގާފައިވާ ގައުމެކެވެ. މީގެއިތުރުން އިންސާނީ ހައްގުތަކުގެ އެތަކެއް މައްސަލައެއް ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލަމުންދާ، ކޮރަޕްޝަން ބޮޑު ކަމަށް ރިޕޯޓް ވެސް ކުރާ ގައުމެކެވެ. ބޮޑުވަޒީރު ހުން ސެން އަކީ ވެސް ދާޚިލީ ހަމަނުޖެހުން ބޮޑު ސިޔާސީ މާޒީގައި ޝާމިލުވި އެއްބޭފުޅެކެވެ.

އާސިއާންގެ ދިހަ ގައުމުގެ ތެރެއިން ކެމްބޯޑިއާ މިވަގުތު ހިމެނެނީ އެ ގައުމުތަކުގެ ޖީޑީޕީ ޕާޗޭޒިން ޕަވާ ޕެރިޓީގެ ނިސްބަތުން އަށްވަނަ ދަރަޖައިގަ އެވެ. އަދި އދ އިން ކަނޑައަޅާފައިވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްގައި ވެސް ކެމްބޯޑިއާ މިވަގުތު ހިމެނެ އެވެ. މިފަދަ ގައުމެއްގެ ބޮޑުވަޒީރަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދައުވަތު ދެއްވައިގެން ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގަތުމުގެ ބޭނުމަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 އިން ފެށިގެން މިއަދާ ހަމައަށްވެސް އެ ގައުމުގެ ބޮޑުވަޒީރެވެ. ޝާހީ ޚާންދާނަކުން ނޫން ގޮތަކަށް ވެރިކަމަށް ވަޑައިގެން އެންމެ ގިނަ ދުވަހު ވެރިކަމުގައި މިވަގުތު ހުންނެވި ލީޑަރަކީ ވެސް ހުސް ސެން އެވެ. އޭނާ އަކީ 1971 ވަނަ އަހަރުން ފެށިގެން ސިޔާސީ ކަންކަމުގައި އުޅުއްވަމުން ވަޑައިގެންފައިވާ ސިޔާސީ ތަޖުރިބާ ބޮޑު އެހެންނަމަވެސް އިގްތިސޯދީ ގޮތުން ކެމްބޯޑިއާ އަށް ރަނގަޅު ކުރިއެރުމެއް ހޯދައިދެވިފައިވާ ބޭފުޅެއް ނޫނެވެ.

ބޮޑުވަޒީރު ހުން ސެން އަކީ ސިޔާސީ މައިދާނުގައި އަދި ބައިނަލްއަގުވާމީ މައިދާނުގައިވެސް ވަރަށް ކުޅަދާނަކަމާއެކު މާލިމީކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން އެމަނިކުފާނުގެ ޒަމާންވީ 38 އަހަރުގެ ބޮޑުވަޒީރު ކަމުން ފުރިހަމައަށް ސާބިތުކޮށްދެ އެވެ. ސިޔާސީ ފަރާތްތަކާއި ދުރުވެ، ގާތްވެ، ކުޅުއްވާ ޗަރުކޭހެއްގެ ތެރެއިން ސިޔާސީ ހަމަޖެހުމާއިއެކު އުޅުއްވަމުން ގެންދަވާ ކުޅަދާނަ ބޭފުޅެކޭ ދަންނަވަންޖެހެ އެވެ. އެގޮތުން މިއަދުގެ ދުނިޔޭގައި ސިޔާސީ ގޮތުން އެންމެ ކާމިޔާބު ބޭފުޅެއްގެ ލަގަބު ބޮޑުވަޒީރު ހުން ސެން ވަނީ ހޯއްދަވާފަ އެވެ.

ބޮޑުވަޒީރު ހުން ސެން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެމަނިކުފާނުގެ ހަތުރުން ނުވަތަ ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާ ވެރިކަން ހިންގަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގަ އެވެ. 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކެމްބޯޑިއާގެ ވެރިކަން އޭނާ ނެތިއްޖެ ހާލަތެއްގައި ބޮއްސުންލައިގެން ގޮސް، އަސްކަރިއްޔާ އިން އިދިކޮޅު ފަރާތްތަކަށް އުނދަގޫ ފޯރަފާނެ ކަމަށް ވިދާޅުވެފައިވެ އެެވެ. އަދި އަސްކަރިއްޔާ ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ފަރާތަކީ އޭނާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ކެމްބޯޑިއާގެ ވެރިކަން މިވަގުތު ކުރަމުންދާ ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ)ގެ ފުރިހަމަ ބާރު އެމަނިކުފާނު ވަނީ 1997 ވަނަ އަހަރު ސިޔާސީ ބަޣާވާތަކުން ހޯއްދަވާފަ އެވެ. ސީޕީޕީގެ ފުރަތަމަ ބޮޑުވަޒީރު -- ނޮރޮޑޮމް ރަނަރިދްއާ ދެމެދު 1990 ވަނަ އަހަރު ތަކުން ފެށިގެން ދެބޭފުޅުން ދެމެދު އިންތިހާއަށް ސިޔާސީ ކޯޅުން ބޮޑުވެ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކަންކަމުގައި ހުރަސް އަޅުއްވައި، ތަރައްގީގެ މަޝްރޫތައް ހުއްޓުވައި މަޑުޖެހި މިފަދަ އެތައް ސިޔާސީ ހަމަނުޖެހުމެއް ވަނީ ހިނގާފަ އެވެ. އެގޮތުން ރަނަރިދު އަށް ވަނީ ގައުމު ދޫކުރައްވައި އަރުވާލެވިގެން އެތައް އަހަރަކު ގައުމުން ބޭރުގައިވެސް އުޅުއްވަން ޖެހިވަޑައިގެންފަ އެވެ. އަދި އާސިއާންގެ ގައުމުތަކުގައި އެކި މައްސަލަތަކުގައި ތާށިވެފައި ތިއްބެވި އިދިކޮޅު ލީޑަރުން އަނބުރާ ކެމްބޯޑިއާ އަށް ނުފޮނުވުމަށްވެސް ހުން ސެން އެ ގައުމުތަކަށް ގޮވާލާފައިވެސް ވެއެވެ. ހަމައެހެންމެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި ތިއްބެވި އިދިކޮޅު ބޭފުޅުން އަނބުރާ ގައުމަށް ވަޑައިގެންފިނަމަ ސީދާ އެމީހުންގެ ގަޔަށް ބަޑިޖަހަން ސިފައިންނަށް އަމުރުކުރައްވާފައިވެ އެވެ.

ބޮޑުވަޒީރު ހުން ސެން 2015 ވަނަ އަހަރަށްފަހު ވެރިކަމުގެ ބާރުތައް އިތުރަށް ވަރުގަދަކޮށް އިދިކޮޅުގެ ބާރު އެކީއެކަށްހެން ވަނީ ކަނޑުވާލާފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު 2017 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އަދި ކެމްބޯޑިއާގެ ގާނޫނުއަސާސީއަށް ބަދަލުގެނެސް އިދިކޮޅު ސިޔާސީ ޕާޓީތައް، ވެރިކަން ކުރާ ޕާޓީއަށް އުވާލެވޭނެ މަގުތަނަވަސްކޮށްފައިވެ އެވެ.

މިވަގުތު ކެމްބޯޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ކެންޑުލްލައިޓް ޕާޓީ، މިއަހަރު ބާއްވާ އިންތިޚާބުގެ ކުރިން، އުވާލުމަށްވެސް ސީސީޕީ އަށް ބޮޑުވަޒީރު ހުން ސެން ވަނީ އަންގަވާފަ އެވެ. ކެންޑުލްލައިޓް ޕާޓީން ވަނީ ކެމްބޯޑިއާގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ސަރުކާރުން މަކަރު ހަދާފައިވާ ކަމަށް ބުނެފަ އެވެ. އެއީ ވެރިކަން ކުރާ ސީސީޕީގެ އަބުރަށް ހުތުރުއަރުވަން ކޮށްފައިވާ ކަމެއް ކަމަށް ބަލައި، ނެޝަނަލް އިލެކްޝަން ކޮމިޓީގެ ފަރާތުން ގެންދަނީ އެ މައްސަަލަ ބަލަމުންނެވެ.

ބޮޑުވަޒީރު ހުން ސެން ވަނީ އަސްކަރިއްޔާގެ ކޮމާންޑަރަކަށް އުޅުއްވާ އޭނާގެ ދަރިފުޅު -- ހުން މާނެޓް ވެރިކަމަށް ގެނައުމަށް 2021 ވަނަ އަހަރު ތެރޭގައި ސީސީޕީގެ އެންޑޯޒްމަންޓް ވެސް ހޯއްދަވާފަ އެވެ. ނަމަވެސް މިއަހަރު ބާއްވާ އިންތިޚާބަށް ވެސް ބޮޑުވަޒީރު ހުން ސެން ކުރިމަތިލެއްވުމަށާއި 2028 ވަނަ އަހަރުގެ ފަހުން އޭނާގެ ދަރިފުޅު ވެރިކަމަށް ގެނައުމަށްވެސް ނިންމަވާފައިވެ އެވެ.

ސަތާރަ މިލިއަން މީހުންގެ އާބާދީއެއް އޮތް ކެމްބޯޑިއާގެ މައިގަނޑު އިގްތިސޯދު ބިނާވެފައިވަނީ ދަނޑުވެރިކަމަށެވެ. މީގެ އިތުރުން ޓެކްސްޓައިލް، ކޮންސްޓްރަކްޝަން، ގާމެންޓްސްގެ އިތުރުން ޓޫރިޒަމްގެ ހިއްސާ ބޮޑެވެ.

ކެމްބޯޑިއާ އެކު ދިވެހިރާއްޖެއިން ވިޔަފާރީގެ މާބޮޑެތި ގުޅުންތަކެއް މިހާތަނަށް ގާއިމުކޮށްފައެއް ނުވެ އެވެ. ސްޓްރެޓެޖިކް ގޮތުންވެސް ދިވެހިރާއްޖެއާ މާބޮޑު ގުޅުމެއް ގާއިމުކޮށްފައެއް ނުވެ އެެވެ. އެކަމަކު ކެމްބޯޑިއާ އަކީ ސިޔާސީ ގޮތުން ރާއްޖެއާ އެއްގޮތް ބައެއް ކަންތައްތަކެއް ހިނގާފައިވާ ގައުމެކެވެ.
\