އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް އާސެނަލް އިން ލީގުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މި ހަފްތާ މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 1-2 އިން ބަލިވެފަ އެވެ. އެހެންވެ ރޭގެ މެޗުން މޮޅުވެގެން އާސެނަލަށް އޮތީ އެއްވަނައިގެ ލީޑު ފުޅާ ކުރެވޭގޮތަށެވެ. ރަށުން ބޭރުގައި އާސެނަލުން މެޗު ކާމިޔާބުކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ.
ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ނިއުކާސަލް ރޭ ވަނީ އަމިއްލަ ދަނޑުގައި ފުލަމް އަތުން ފަހު ވަގުތު 0-1 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު 19 މެޗުން 38 ޕޮއިންޓް ހަމަކޮށް އެޓީމު ވަނީ ތިންވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސިޓީ ބަލިކުރި ޔުނައިޓެޑަށް ވެސް ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން ޔުނައިޓެޑަށް ލިބެނީ ހަތަރު ވަނަ އެވެ.
ރޭގެ މެޗު ފަށައިގެން އާސެނަލުން ވަނީ މޮޅަށް ކުޅެ ލީޑު ނަގައިފަ އެވެ. 14 ވަނަ މިނެޓުގައި އާސެނަލްގެ މި ގޯލަކީ ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭރިޔާގެ އަރިމަތިން ބުކަޔޯ ސަކާ ނަގައިދިން ބޯޅަ ގޯލަށް ވަނީ ލޮރިސް ސޭވްކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފަ އެވެ.
އާސެނަލަށް ލީޑު ފުޅާކޮށްދިން ލަނޑު 36 ވަނަ މިނެޓުގައި ޖެހީ މާޓިން އޮޑިގާޑް އެވެ. އޭރިޔާ ބޭރުން އޮޑިގާޑް ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. ރޭގެ ގޯލަކީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮޑިގާޑް ލީގުގައި ޖެހި އަށްވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި އޮޑިގާޑް ފޮނުވާލި އިތުރު ހަމަލާއެއް ކީޕަރު ލޮރިސް މަތަކުރި އެވެ. މި ހާފުގައި ޓޮޓެންހަމަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި އާސެނަލަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު މުޅި ހާފު އެއްކޮށް ޑިފެންސް ކުރުމުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ކައުންޓަ އެޓޭކުގައި ގޯލު ޖަހާނެ ހުސް ފުރުސަތުތައް ވެސް ތަނަވަސްކުރި އެވެ.
ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި އަހަރުގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. ކައި ހަވާޓްޒް ޖެހި ގޯލުން ޗެލްސީ މޮޅުވީ ކްރިސްޓަލް ޕެލެސްއާ ވާދަކޮށެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 19 މެޗުން ލިބިފައިވާ 28 ޕޮއިންޓާ އެކު އަދިވެސް 10 ވަނައިގަ އެވެ.