ލައިފްސްޓައިލް

އެމެރިކާ ޖަލެއްގައި ސިކުނޑިހަމަނުޖެހޭ މީހަކު ބަނޑަށް މަރުވެއްޖެ

ލެރީ ޔޫޖީން ޕްރައިސް، ޖޫނީއާ އަކީ އުމުރުން 55 އަހަރުގެ މީހެކެވެ. ވަންނާނެ ގެދޮރު ނެތުމުން އެމެރިކާގެ މަގުތަކުގައި އޭނާ އެގޮތް މިގޮތަށް އުޅެމުން ދިޔަ އެވެ. ސްކިޒޮފްރީނިއާ ކިޔާ ސިކުނޑީގެ މައްސަލައެއް ހުރުމުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ގިނަ ފަހަރަށް އޭނާއަކަށް ނޭނގެ އެވެ. އޭނާގެ އައިކިއު ލެވެލް ވެސް 55 އަށް ވުރެ ތިރީގައި ހުރުމުން ވިސްނުމުގެ ގާބިލްކަން އޭނާގެ ވަރަށް ކުޑަ އެވެ.

އަކަންސޯގެ ހުޅަނގު އުތުރުގައި ހުންނަ ކުޑަކުޑަ ޕޮލިސް ސްޓޭޝަނަކަށް އޭނާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެއެވެ. އެ ޓައުނުގެ ހުރިހާ ފުލުހުންނަށްވެސް ޕްރައިސް އެނގެ އެވެ. ޕޮލިސް ސްޓޭޝަނަށް ވަދެ އެތަނުގައި އެނބުރިލާފައި އިރުކޮޅަކު މަޑުކޮށްލާފައި ނުކުމެގެން އެ ދާ ތަނަކަށް ހިނގައިދާނެކަން ފުލުހުންނަށް ވެސް ގަބޫލުކުރެވޭތީ އެމީހުން އޭނާއަކާ އެހާ އަޅައެއް ނުލަ އެވެ. ސިކުނޑި ހަމަނުޖެހޭ މީހަކަށް ވާތީ އެއްޗެކޭ ބުންޏަސް އޭނާއަށް ނޭނގޭނެކަން ޔަގީންވާތީއާ ވެސް އެކުގަ އެވެ.

ބައޮޕޯލާ ޑިސްއޯޑާ އާއި ޕީޓީއެސްޑީ ވެސް ހުންނަ ޕްރައިސް އޮގަސްޓް 19، 2020 ވަނަ ދުވަހު ވެސް އޭނާ އެތަނަށް ވަނީ އާދަކޮށް އެ ތަނަށް ވަންނަ ގޮތުގެ މަތިންނެވެ. ނަމަވެސް އެ ދުވަހު އޭނާގެ އަމަލުތައް ތަފާތެވެ. އިނގިލިތައް ބަޑިއެއް ގޮތަށް ހަދާ އެތަނުގައި ތިބި ފުލުހުންގެ އޮފިސަރުންނާއި އެތަނަށް އައިސް ތިބި މީހުންނާ ދިމާލަށް އިނގިލިން ބަޑި ޖަހާ ކަމުގެ އިޝާރާތްތަކެއްކޮށް ވަރަށް ބާރަށް ހަޅޭއްލަވާ އަޑުގަދަކޮށް ހެދި އެވެ. މީހުންނަށް ބިރުދައްކާ ހަޑި ހުތުރު އެއްޗެތިވެސް ގޮވި އެވެ.

ފުލުސް އޮފިސަރުން އެ ދުވަހު އޭނާ ހައްޔަރުކުރީ އެތަނުގައި ތިބި މީހުންނަށް ޕްރިސްގެ ފަރާތުން ގެއްލުމެއް ފޯރުމުގެ ބިރު އޮވެގެންނެވެ. މީހުންނަށް ބިރުދެއްކުމުގެ ސަބަބުން މުޖުތަމައަށް ނުރައްކާ މީހެއްގެ ގޮތުގަ އެވެ.

ޕްރައިސްގެ އިސްކޮޅުގައި ހަ ފޫޓު ދެ އިންޗި ހުރެ އެވެ. ބަރުދަނުގައި 200 ޕައުންޑާ ގާތްކުރާ ވަރެއް ހުރެ އެވެ.

ޕޮލިސް ރިޕޯޓުގައި ލިޔެފައިވާ ގޮތުގައި ޕްރައިސް އަކީ އާއްމުންނަށް ހުރި ނުރައްކަލެއް ކަމަކަށް ނުބެލެވެ އެވެ.

އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. ނަމަވެސް އޭނާގެ ފަހަތަށް ބިޑި އަޅުވައި ޑިޓެންޝަން ސެންޓަރަށް އެ ދުވަހު ފޮނުވާލީ އޭނާ މައިތިރި ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެންނެވެ.

އޭނާ ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރި އެވެ. ފަނޑިޔާރު ނިންމެވީ 1000 ޑޮލަރުގެ ބޮންޑެއް ބެހެއްޓުމަށެވެ. މާނައަކީ ކަފާލާތުގެ ދަށުން އެންމެ 100 ޑޮލަރު ދެއްކުމުން ޕްރައިސް އަށް މިނިވަންކަމާއެކު އެތަނުން ނުކުމެވޭނެ އެވެ. ނަމަވެސް ޕްރައިސް ހުރީ ވާނުވާ އެނގޭ ފަދަ ހާލެއްގައެއް ނޫނެވެ.

އެ ދުވަހުން ފެށިގެން ޕްރައިސްއާ ދޭތެރޭ ހުރިހާ ކަމެއްވެސް ވީ ގޯހުން ގޯހަށެވެ. އޭނާގެ ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވި އެވެ. ވަރަށް ބޮޑަށް ބަލިވި އެވެ. ނަމަވެސް އޭނާއާ އެކަކުވެސް އަޅައެއް ނުލި އެވެ. ޖަލުގައި އޮންނަތާ އަހަރެއް ފަހުން ޕްރައިސް މަރުވީ އެވެ.

ސޮލިޓަރީ ކޮންފައިންމަންޓް ސެލްގައި ޕްރައިސް މަރުވެފައި އޮތްއިރު އޭނާގެ ދެ ލޯ ހުރީ ތައްމިނަށް ހުޅުވިފަ އެވެ. އޮރިޔާން ހާލުގައި އޮތްއިރު އޭނާ މަރުވެފައިއޮތީ ބަނޑުހައިވެގެން ހާންތިވެގެންކަން ހާމަވެ އެވެ. އަނގައިން ނުކުމެފައި އޮތް ފޮނުތައް ހިކިފައި ހުއްޓެވެ. ފެންގަނޑެއް ތެރޭގައި އޮތުމުގެ ސަބަބުން ފައިގެ ތަންތަން ވެސް ހުރީ ފޫދިފަ އެވެ. ބޭސްކޮޅެއް ނުކާތާ ވެސް ކިތަންމެ ދުވަހެކެވެ. ޕްރައިސްގެ އެންމެ ފަހު ދުވަސްތަކުގައި އޭނާ ކައިބޮއި ހަދާފައިވަނީ އަމިއްލަ ގައިން ނުކުންނަ ނަޖިހެވެ.

އިމަޖެންސީ ސާވިސް އިން އައިސް ޕްރައިސްގެ ހާލަތު ބެލިއިރު އޭނާ ހިކިގެން ގޮސް ބަރުދަނުގައި ހުރީ އެންމެ 90 ޕައުންޑެވެ. ނަމަވެސް އޭނާ އެތަނުގައި މަރުވެފައި އޮތް އިރުވެސް ޖަލުގައި ހުންނަ މޮނިޓާ ތަކަށް އަރަނީ "ސެލްގައި އޮތް ގައިދީ އޯކޭ" ކަމަށެވެ.

ސިއެޓެލްގެ އެޓާނީ އެރިކް ހީޕްޓް ވިދާޅުވީ ސިކުނޑި ހަމަނުޖެހޭ، ނުކުޅެދޭ، މީހެއް މިގޮތަށް ޖަލެއްގައި ބަންދުކޮށްފައި ކާން ނުދީ ބާއްވައިގެން މަރުވި ވާހަކަ ލިބުމުން އޭނާއަށް ބޮޑު ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެންމެ 100 ޑޮލަރު ކަފާލާތަށް ނުދެއްކިގެން އެމީހާ އެތަނުގައި އޮވެ މަރުވެފައިވަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށެވެ.

ނިއުސްވީކް އަށް ދެއްވި އިންޓަވިއު އެއްގައި ހީޕްޓް ވިދާޅުވީ ޕްރައިސް އަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއްވެސް ނޫނެވެ. އޭނާގެ ޝަރީއަތް ފެށެންދެން ޖަލުގައި ބަހައްޓާފައި ހުރި މީހެކެވެ. އަދި އޭނާއަށް ކޮށްފައިވާ ދައުވާ އަކީ ވެސް އޭނާ ހޭބުއްދި ސަލާމަތުން ހުރެ ކޮށްފައިވާ ކުށެއް ނޫނެވެ.