ދުނިޔެ

ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓަރު ޖެޓްތައް އިރާނަށް

ރަޝިއާ އާއެކު ހަދާފައި އޮތް އަސްކަރީ އެއްބަސްވުމެއްގެ ދަށުން އީރާނަށް ފައިޓަރު ޖެޓްތަކެއް ރަޝިއާއިން ފޮނުވާނެ ކަމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުގައި މައުލޫމާތު ދެއްވަމުން ނޭޝަނަލް ސެކިޔުރިޓީ ކޮމިޓީގެ މެމްބަރު ޝަހްރިއާ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހައިދަރު ވިދާޅުވި ގޮތުގައި ރަޝިއާގައި އުފައްދާ އެސްޔޫ-35 މަރުކާގެ ފައިޓަރު ޖެޓްތައް އަންމަ މާޗުގައި އީރާނަށް ލިބޭނެ އެވެ.

ރަޝިއާއިން އީރާނަށް ފޮނުވާ ގޮތަށް ހަމަޖެހިފައި ވަނީ ހަމައެކަނި ފައިޓަރު ޖެޓް ނޫން ކަމަށް ވެސް ހައިދަރު ވިދާޅުވެ އެވެ. އޭގެ އިތުރުން މިސައިލް ޑިފެންސް ސިސްޓަމްތަކާއި ހެލިކޮޕްޓަރާއި އަސްކަރިއްޔާއަށް ހާއްސަ އެހެނިހެއް އާލާތްތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮރުން އެސްޔޫ-35 މަރުކާގެ އެންމެ ޒަމާނީ 24 ފައިޓަރު ޖެޓް ރަޝިއާއިން ފޮނުވާނެ އެވެ. މި އުޅަނދުތައް އީރާން އެއާފޯސްގައި ބޭނުންކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އީރާން އާއި ރަޝިއާ އަކީ ޒަމާނުއްސުރެ އަސްކަރީ ބައިވެރިންނެވެ. ދެ ގައުމުގެ ދެމެދުގައި އަޑި ނޭނގޭ ގުޅުންތައް އޮންނަ ކަމަށް ހުޅަނގުން ވެސް ތުހުމަތު ކުރެ އެވެ.

ރަޝިއާ އާއި އީރާންގެ ގުޅުމާ މެދު އެންމެ ބޮޑަށް ފާޑުކިޔަން ފެށީ ޔުކްރޭން ހަނގުރާމައާ ގުޅިގެންނެވެ. ރަޝިއާއާ ދެކޮޅަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ އެކު -- ރަޝިއާ ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް އިރާނުން އޮތީ ބުނެފަ އެވެ.

އަނެއްކޮޅުން ޔުކްރޭން ހަނގުރާމާގައި އިރާންގެ ޑްރޯންތައް ރަޝިއާ ބޭނުންކުރާ ކަމަށް ބުނެ ހުޅަނގުގެ ދަތިކުރުންތައް އީރާނަށް ވަނީ އިތުރުކޮށްފަ އެވެ. އެހެނެއްކަމަކު އީރާނުން ކުރަމުން ގެންދާ އެއްވެސް ކަމެއް ބިރުން ހުއްޓާލާފައެއް ނުވެ އެވެ.

ޔުކްރޭންގެ އަމާޒުތަކަށް ހަމަލާދިނުމަށް އީރާންގައި އުފައްދާ ބާރުގަދަ އަސްކަރީ ޑްރޯންތައް ވަރަށް ކުޅަދާނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އީރާނުން ބުނާ ގޮތުން ޔުކްރޭނަށް ހަމަލާދިނުމަށް ރަޝިއާއަށް އެއްވެސް ބާވަތެއްގެ އަސްކަރީ އާލާތެއް ނުވިއްކަ އެވެ.

އީރާނުން އަދި ބުނީ ރަޝިއާ އާއި އީރާނަކީ ޒަމާނުއްސުރެ އަސްކަރީ ބައިވެން ކަމަށެވެ. އަދި އެ ގޮތުގެ މަތިން އަސްކަރީ އާލާތްތައް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރަމުން -- ވިޔަފާރިކުރަމުން ގެންދާނެ ކަމަށެވެ.