ބަތަލާ އައިލެންޑް ރިސޯޓް

ސާވިސް ޗާޖް މައްސަލާގައި ބަތަލާގެ މުވައްޒިފުންތަކެއް ޕެޓިޝަނެއް ހަދައިފި

އއ. ބަތަލާ އައިލެންޑް ރިސޯޓުގެ ދިވެހި މުވައްޒިފުންނަށް ސާވިސް ޗާޖު ނުދޭތާ އެއް އަހަރު ވާން ގާތްވެފައިވާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ޕެޓިޝަނެއް ފޮނުވައިފި އެވެ.

ޓްރިޕަލް އޭ ޓްރޭޑިން ކޮމްޕެނީ އިން ހިނގައި މި ރިސޯޓުގެ މުވައްޒިފުންގެ ޝަކުވާ ޓޫރިޒަމް މިނިސްޓަރާއި ހަމަޔަށް ދިޔުމުގެ ކުރިން ރިސޯޓުގެ ވެރިންނަށް އެތަށް ފަހަރެއްގެ މަތިން އަނގާފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބަތަލާ އައިލެންޑް ރިސޯޓުގެ މުވައްޒިފުންގެ ޕެޓިޝަނުގައި ބުނެ އެވެ.

އެ ޕެޓިޝަނުގައި ބުނަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ގިނަ މުވައްޒިފުންނަށް އަސާސީ މުސާރައަށް ވުރެ ރަނގަޅު އާމްދަނީ އެއް ލިބެނީ ސާވިސް ޗާޖުން ކަމަށް ވާއިރު ގިނަ މުވައްޒިފުން ބަރޯސާ ވަނީ ސާވިސް ޗާޖައް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން ސާވިސް ޗާޖަށްވާ ރުފިޔާ ނުދޭ ކަމަށެވެ.

ސާވިސް ޗާޖު ނުދޭތާ މި ޖެނުއަރީގެ ނިޔަލަށް އެއް އަހަރު ވާއިރު އަދިވެސް ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓުން ނަގަނީ ކިތައް ޕަސެންޓް ކަމަށާއި މުވައްޒިފުންގެ މައްޗައް ބަހަނީ ކިތައް ޕަސެންޓް ކަން ނޭނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޕެޓިޝަނުގައި އިތުރަށް ބުނެފައި ވަނީ ބިދޭސީ މުވައްޒިފުން ޗުއްޓީއަށް ދާ އިރު އެ ހިފަހައްޓާފައިވާ ސާވިސް ޗާޖުގެ ބޮޑުބައެއް ދޭކަން އެނގިފައިވާ ކަމަށާއި ނަމަވެސް ދިވެހި އެއްވެސް މުވައްޒިފަކަށް ނުދޭ ކަމަށެވެ. މި ޝަކުވާ ތަކާއެކު ޓޫރިޒަމް މިނިސްޓަރަށް ރިސޯޓު މުވައްޒިފުން ފޮނުވި ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ އެރިސޯޓުގެ 16 ދިވެހި މުވައްޒިފުންނެވެ.