ކުޅިވަރު

ޕީއެސްޖީ ދޫކޮށް ސަރަބިއާ ވުލްވްސް އަށް

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ޕަބްލޯ ސަރަބިއާ އިނގިރޭސި ކްލަބް ވުލްވްސް އަށް ބަދަލުވެއްޖެ އެވެ.

ވުލްވްސް އިން 30 އަހަރުގެ ކުޅުންތެރިޔާ ގެނައީ 4.4 މިލިއަން ޕައުންޑަށެވެ. ދެ އަހަރާއި ބައިގެ މުއްދަތަކަށް ވުލްވްސް އަށް ބަދަލުވި ސަރަބިއާގެ މެޑިކަލް ފުރިހަމަކުރާނީ މިއަދު އެވެ.

މިއީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އިން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބުން ވަނީ ފްރާންސްގެ ނީސް އަށް ކުޅުނު ގޭބޮންގެ މިޑްފީލްޑަރު މާރިއޯ ލެމީނާ އާއި ބްރެޒިލްގެ ފޯވާޑް މެތިއުސް ކުންޔާ ގެނެސްފަ އެވެ. ކުންޔާ ޑިސެމްބަރު މަހު އެޓީމާ ގުޅުނީ އެތުލެޓިކޯ މެޑްރިޑްގެ ލޯނު އެއްބަސްވުމުގެ ދަށުންނެވެ.

މި ސީޒަނުގައި ސަރަބިއާ ވަނީ ޕީއެސްޖީގައި 18 މެޗު ކުޅެފަ އެވެ. ސެވިއްޔާ އިން ޕީއެސްޖީ އަށް ސަރަބިއާ ބަދަލުވީ 2019 ވަނަ އަހަރު އެވެ. ޕީއެސްޖީގައި ކުޅުނު ލީގު 35 މެޗުގައި ސަރަބިއާ 11 ގޯލު ޖެހި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި ސަރަބިއާ ލޯނު އުސޫލުން ކުޅުނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށެވެ.

2019 ވަނަ އަހަރު ސްޕެއިންގެ ސީނިއާ ޓީމުން ފުރުސަތު ހޯދައި ސަރަބިއާ ވަނީ މިހާތަނަށް ކުޅުނު 26 މެޗުގައި ނުވަ ގޯލު ޖަހައިފަ އެވެ. ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ޓީމުގައި ހިމެނި ސަރަބިއާ އެއްމެޗު ކުޅުނެވެ. އެއީ މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން އެޓީމު ކެޓި މެޗެވެ.

ސަރަބިއާ އަކީ ވުލްވްސްގެ މިހާރުގެ ކޯޗު ހޫލެން ލޮޕެޓެގީ ދަންނަ ކުޅުންތެރިއެކެވެ. އުމުރުފުރާ ތަކުގެ ގައުމީ ޓީމުތަކުގައި ސަރަބިއާ ވަނީ ލޮޕެޓެގީގެ ކޯޗުކަމުގައި ކުޅެފަ އެވެ.
މި ސީޒަނުގައި ވުލްވްސްގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ. ލީގުގައި މިވަގުތު އެޓީމު އޮތީ 19 މެޗުން ލިބުނު 17 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.