ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް މިދާކަށް ދުވަހު ޕްރޮމޯޓްވެ ވަޑައިގެންނެވި ޝިން ގޭން -- އެފްރިކާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރެއްގައި މިސްރަށް ވަޑައިގެންފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް -- މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު -- ގައުމުން ބޭރަށް ކުރައްވާ ދަތުރުތައް އާންމު ގޮތެއްގައި ފައްޓަވަނީ އެފްރިކާ ބައްރުންނެވެ.
ޝިން ގޭން މަގާމާ ހަވާލުވެ ވަޑައިގަތީ ޑިސެމްބަރު 30، 2022 ގައެވެ.
އެފްރިކާ ބައްރު ޗައިނާއަށް ހާއްސަވެފައި އޮންނަ ސަބަބަކީ ޗައިނާއިން އެފްރިކާގައި ހިންގާ ޕްރޮޖެކްޓްތަކާއި އަދި ކޮށްފައި ހުރި އިންވެސްޓްމަންޓްތަކެވެ. ގައުމުތަކުގެ ސިޔާސަތަށް އަންނަ ބަދަލުގައި އިންވެސްޓްމަންޓްތަކަށް ކޮށްފާނެ އަސަރު ކުޑަކުރުމަށްޓަކައި ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވަނީ އެވެ.
ޝިން ގޭން މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ އެކު ވަކިން ބައްދަލުވުމެއް ބޭއްވެވި އެވެ. މި ބައްދަލުވުމުގެ ތަފުސީލް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ޗައިނާގެ އެހީތެރިކަން މިސްރަށް އޮންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު އަބްދުލް ޣައިތުއާ ވެސް ޝިން ގޭން ބައްދަލު ކުރެއްވި އެވެ. އެއަށް ފަހު މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކުރީއާ ވެސް ބައްދަކުކުރެއްވި އެވެ.
ހުރިހާ ބައްދަލުވުމެއްގެ އަސާސީ ފިކުރަކީ ދެ ގައުމުގެ މަސްލަހަތެވެ. ދެ ގައުމުގެ ގުޅުން ބަދަހިކޮށް ބައިނަލްއަގްވާމީ މައިދާންތަކުގައި އެއްވިސްނުމަކުން އަމަލުކުރުމަށް ވެސް ޗައިނާ އާއި މިސްރުން މަޝްވަރާކުރި އެވެ.
ޗައިނާގެ ނުފޫޒު މެދުއިރުމަތީގައި ގަދަވަމުން އައުމަކީ އެމެރިކާއަށް ކަމުދާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ޝިން ގޭން ވިދާޅުވި ގޮތުގައި ޗައިނާއިން މެދުއިރުމަތިގައި މަސައްކަތްކުރަނީ ގައުމުތައް ތަރައްގީކުރުމަށާއި އަދި އެކަމުގައި ޗައިނާއަށް އޮތް ފައިދާއަށެވެ.
ޗައިނާގެ ގުޅުމަކީ އެއްވެސް ގައުމަކަށް ބިރަކަށް ނުވާނެ ކަމަށް -- ކުރިން އެ މަގާމުގައި ހުންނެވި ވާންގް ޔީ ވެސް ވަނީ ވިދާޅުވެފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޝިން ގޭން އެންމެ ފުރަތަމަ ވެސް ވިދާޅުވީ ޗައިނާއަށް މުހިންމީ ޗައިނާގެ ފިކުރާއި އިހުސާސް ދަންނަ ގައުމުތައް ކަމަށެވެ.
ގައުމުތަކުގެ މެދުގައި ޗައިނާ މުއާމަލާތްކުރަމުން ގެންދާނީ ޗައިނާއަށް އޮތް ފައިދާއަށް ބަލައިގެން އަދި އެކުވެރި ގައުމުތަކަށް ވެސް މަންފާ އޮންނަ ގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.