ފިނިޕޭޖް

ރީޒް ވިދާސްޕޫން އާއި އޭޝްޓަން ކުޗާގެ އާ ފިލްމު

އެކްޓްރެސް ރީޒް ވިދާސްޕޫން އާއި އޭޝްޓަން ކުޗާ އެކުގައި ރޮމޭންޓިކް ކޮމެޑީއެއް ކުޅެ، އެ ފިލްމުގެ ޓްރޭލާ ރިލީޒްކޮށްފި އެވެ.

"ޔޯ ޕްލޭސް އޯ މައިން" ފިލްމްގައި މި ދެ ތަރިން އަދާކުރަނީ ގިނަ ދުވަސްވީ ރަހްމަތްތެރިން، ޑެބީ އާއި ޕީޓާގެ ރޯލެވެ.

މި ދެ ރަހްމަތްތެރިން މީގެ 20 އަހަރު ކުރިން ބައްދަލުވެ، ދެމީހުންގެ މެދުގައި ލޯބީގެ ކަމެއް ހިނގި ނަމަވެސް، އޭގެ ފަހުން ޑެބީ އާއި ޕީޓާ ވަނީ ދެ ރަހްމަތްތެރިންނަށް ބަދަލުވެފަ އެވެ.

ޕީޓާ، ލޮސް އެންޖަލަސްއަށް އެއް ހަފްތާއަށް އަންނައިރު، ޑެބީގެ ދަރިފުޅު ޖެކް ބަލާދިނުމަށާއި އެ ދުވަސްވަރު ޕީޓާގެ ނިއު ޔޯކް ގެއަށް ޑެބީ ޗުއްޓީ ހަދާލަން ދިއުމަށް ޕީޓާ ބުނެ އެވެ. އެހެންކަމުން މި ދެ މީހުންގެ ގެ ބަދަލުކުރުމަށް ނިންމައި، އެކަކު އަނެކަކުގެ ހަޔާތް ގާތުން ބަލައި، ދިރިއުޅެން ފަށަ އެވެ. އަދި މިކަމުގެ ސަބަބުން ދެ މީހުންގެ ގުޅުމާ ބެހޭގޮތުން އިތުރު ވިސްނުމަކަށްދެ އެވެ.

މި ފިލްމްގައި ރީޒް އާއި އޭޝްޓަންގެ އިތުރުން ސްޓީވް ޒާން، ޝިރި އެޕަލްބީ، ޖެސީ ވިލިއަމްސް، ވެސްލީ ކިމެލް، ގްރިފިން މެތިއުޒް، ޓިގް ނޮޓާރޯ އަދި ވެލާ ލޮވެލް ހިމެނެ އެވެ.

އަލީން ބްރޮޝް މެކެނާ ލިޔެ ޑައިރެކްޓްކުރި މި ފިލްމު އަންނަ މަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަލީން އަކީ "ދަ ޑެވިލް ވެއާޒް ޕްރާޑާ"، "27 ޑްރެސަސް" އަދި "ކްރޭޒީ އެކްސް-ގާލްފްރެންޑް" ފަދަ ރޮމް ކޮމްފިލްމްގެ ޑައިރެކްޓަރެވެ.

އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ރީޒް ވިދާސްޕޫން އަކީ "ލީގަލީ ބްލޮންޑް"ގެ ދެ ފިލްމް، "ސްވީޓް ހޯމް އާލަބާމާ"، "ޖަސްޓް ލައިކް ހެވަން"، "ދިސް މީންސް ވޯ" އަދި "ފޯ ކްރިސްމަސަސް" ފަދަ ކޮމެޑީ އާއި ރޮމޭންޓިކް ކޮމެޑީ ކުޅެފައިވާ ތަރިއެކެވެ. އަދި އޭޝްޓަން ކުޗާއަކީ "ދެޓް 70ޒް ޝޯ" އިން މަޝްހޫރުވެ، "ޑޫޑް، ވޭޒް މައި ކާ؟"، "ޖަސްޓް މެރިޑް"، "މައި ބޮސަސް ޑޯޓާ"، "ގެސް ހޫ؟"، "ނޯ ސްޓްރިންގްސް އެޓޭޗްޑް" ފަދަ ކޮމެޑީ އާއި ރޮމޭންޓިކް ކޮމެޑީ ކުޅެފައިވާ އެކްޓަރެކެވެ.