ފިނިޕޭޖް

ޖީނާ ލޯލޯބްރިޖީޑާ 95 އަހަރުގައި މަރުވެއްޖެ

އިޓަލީގެ ފިލްމީ ތަރި ޖީނާ ލޯލޯ ބްރިޖީޑާ 95 އަހަރުގައި މަރުވެއްޖެ އެވެ.

ޖީނާ މަރުވީ ރޯމްގެ ކްލިނިކެއްގަ އެވެ. ޖީނާގެ މަރާބެހޭ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ޖީނާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވެއްޓިގެން ތައި ބޯން ހެދުމަށް ސާޖަރީއެއް ވެސް ހަދާފަ އެވެ.

"ލޯލޯ"ގެ ނަމުން މަޝްހޫރު ވެފައިވާ ޖީނާ، 1955 ގައި "ވޯލްޑްސް މޯސްޓް ބިއުޓިފުލް ވުމަން" ފިލްމް ކުޅުމަށްފަހު އެނާއަށް ވަނީ ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ލަގަބު ލިބިފަ އެވެ.

ޖީނާ ވަނީ އިޓަލީ އަދި ޔޫރަޕްގެ ވިތޯރިއޯ ގެސްމަން، ލުއީ ޖޯޑަން، ޖޯން-ޕޯލް ބެލްމޮންޑޯ ފަދަ މޮޅު ތަރިންނާ އެކު ފިލްމު ކުޅުމުގެ ކުރިން ހަމްފްރީ ބޮގާޓް، ފްރޭންކް ސިނަޓްރާ، ރޮކް ހަޑްސަން، ޝޯން ކޮނަރީ، ބާޓް ލެންކާސްޓާ އަދި އެރޮލް ފްލީން ފަދަ މަޝްހޫރު ހޮލީވުޑް ތަރިންނާ އެކު "ބީޓް ދަ ޑެވިލް"، "ދަ ހަންޗްބެކް އޮފް ނޮޓްރަޑާމް"، "ކްރޮސްޑް ސްވޯޑްސް" ފަދަ ފިލްމުތައް ކުޅެފަ އެވެ.

ޖީނާ އަށް ގޯލްޑަން ގްލޯބްއާއި އެހެން ގިނަ އެވޯޑްތައް ލިބިފައިވެ އެވެ.

1960ގެ އަހަރު ތަކުގައި ކެރިއާ ފަނޑުވާން ފެށުމުން ޖީނާ ވަނީ ސްކަލްޕްޓް ކުރުމާއި ކުރެހުމާއި ފޮޓޯ ނެގުމަށް ކެރިއާ ބަދަލުކޮށްލާފަ އެވެ.

ޖީނާގެ ހަޔާތުގައި ގިނަ ބަޔަކާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ޖީނާ ކުރީ އެންމެ ކައިވެންޏެކެވެ. އަދި މި ކައިވެނި ވަނީ 22 އަހަރު ފަހުން ރޫޅިފަ އެވެ.

މި ކައިވެނިން ޖީނާއަށް ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ. ޖީނާއަށް ވުރެ 24 އަހަރު ހަގު މީހަކާ ލޯބީގެ ގޮތުން ގުޅުމާމެދު މީޑިއާތަކުން ހަބަރުތައް ޖަހަމުން ދިޔަ އެވެ. އަދި ފަހު އަހަރުތަކުގައި ޖީނާގެ ފައިސާއާ ބެހޭ މުއާމަލާތްތައް ކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމާމެދު ކޯޓުގައި މައްސަލަތަކެއްވެސް ކުރިއަށް ދިޔަ އެވެ.