ފިނިޕޭޖް

އެޒްރާ މިލާ ޖޫރިމަނާކޮށް އެއް އަހަރުގެ ޕްރޮބޭޝަނެއް

ޑީސީގެ ޖަސްޓިސް ލީގްގެ ފިލްމުތަކުގައި "ފްލޭޝް"ގެ ރޯލް އަދާކުރަމުންދާ އެޒްރާ މިލާ، މަސްތުގެ ހާލަތުގައި އަވައްޓެރިއެއްގެ ގެއަށް ވަދެ ބަނގުރާފުޅިތަކެއް ނެގި ހަބަރު މިދިޔަ އޮގަސްޓް މަހު މީޑިއާގައި ފެތުރުނެވެ. އަދި މިކަމާ ގުޅިގެން އޭނާގެ މައްޗަށް ވާމައުންޓް ޕޮލިސް ޑިޕާޓްމަންޓުން ވަނީ ދައުވާކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ އެޒްރާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ޖަލު ހުކުމަކުން ސަލާމަތްވުމަށް "ޕްލީ ޑީލް" އެއް ވަނީ ހަދާފަ އެވެ. މިގޮތުން ހުއްދަ ނޫން ތަނަކަށް ވައިން ކަމަށް އެއްބަސްވުމުން ކޯޓުން ވަނީ އޭނާ 500 ޑޮލަރުން ޖޫރިމަނާކޮށް، ރާބުއިން ދޫކޮށް އެއް އަހަރުގެ ޕްރޮބޭޝަން ދީފަ އެވެ. މީގެ އިތުރުން ރެންޑަމް ޑްރަގް ޓެސްޓު ހަދާ، ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށްވެސް ވަނީ އަންގާފަ އެވެ.

މިއީ އެޒްރާއަށް އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ހަވާއީގެ ކަރައޯކޭ ބާ އެއްގައި މާރާމާރީ ހިންގައިގެން އެޒްރާ ވަނީ 500 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.

އެޒްރާއަށް ތުހުމަތުކުރެވޭ އަދި ގާނޫނީ ގޮޅިއަށް ފެތިފައި ހުރި މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުން، އަންހެނެއްގެ ކަރުގައި ހިފުން، ފުރައްސާރަ ކުރުން، ހަމަނުޖެހުން ހިންގުން، ގަވާއިދާ ހިލާފަށް މެރުއާނާ އިންދުން، ދެ ކުޑަކުއްޖަކާމެދު ނުރައްކާތެރި އަމަލު ހިންގުން ހިމެނެ އެވެ. އަދި މިފަހަކަށް އައިސް ނަފްސާނީ މައްސަލަތަކެއް އެޒްރާގެ ހުންނަ ކަމަށް އޭނާގެ ރެޕުން ބުނެފައިވެ އެވެ.

އެޒްރާގެ ގިނަ އަހްލާގީ މައްސަލަތަކަކާ އެކުގައިވެސް އޭނާ ފްލޭޝްގެ ރޯލުން ވޯނާ ބްރަދަސްއިން ވަކި ނުކުރާތީ، އެކަމާ ގިނަ މީހުން ތަފާތު ސުވާލުތައް އުފައްދަ އެވެ.

ހާއްސަކޮށް ޖޭމްސް ގަން އާއި ޕީޓާ ސެފްރަން ޑީސީ ސްޓޫޑިއޯޒްއާ ހަވާލުވުމަށްފަހު، ހެންރީ ކެވިލް ފަދަ ތަރިންގެ ޕްރޮޖެކްޓްތައް ކެންސަލްކޮށްފައިވާއިރު، އެޒްރާގެ ފިލްމް ކުރިއަށް ގެންދާތީ ސޯޝަލް މީޑިއާގައި މީހުން ނުރުހުން ފާޅުކުރަމުންދެ އެވެ.