ބަސް ޑްރައިވަރުން ހޯދުމަށްޓަކައި ވޯކް އިން އިންޓަވިއުއެއް ކުރިއަށްގެން ދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ނިންމައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައިވާ ގޮތުން މި ވޯކް އިން އިންޓަވިއުތައް އޮންނާނީ މިއަދު ހަވީރު ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.
އިންޓަވިއު ކުރިއަށްދާނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.
އެމްޓީސީސީ އިން ބަސް ޑްރައިވަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000 ރުފިޔާއާއި 18،000 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. އަދި އިތުރު އިނާޔަތްތަކުގެ ގޮތުގައި މެޑިކަލް އިންޝުއަރެންސާއި ޓްރެއިނިން އަދި ކެރިއާ ޑިވެލޮޕްމެންޓް ފުރުސަތުތައް ވެސް ލިބޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
މި އިންޓަވިއުއަށްދާއިރު އައިޑީ ކާޑުގެ އިތުރުން ބީ2 ކެޓަގަރީގެ ލައިސަންސް ބޭނުންވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ ބަސްތައް ދުއްވުމުގައި އަންހެން ޑްރައިވަރުންވެސް ހަރަކާތްތެރިވެ އެވެ.
އެމްޓީސީސީ އިން އަންނަނީ މާލެ އަދި ހުޅުމާލޭގެ އިތުރުން ލ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބަހުގެ ހިދުމަތް ދެމުންނެވެ.