ކުޅިވަރު

ލިވަޕޫލް އެފްއޭ ކަޕްގެ އަނެއް ބުރަށް، ކްލޮޕް އުފަލުން

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ރަށުން ބޭރުގައި ވުލްވްސް 1-0 އިން ބަލިކޮށް ލިވަޕޫލް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި ދެޓީމުގެ މެޗުގައި ރޭ ރީޕްލޭ މެޗެއް ކުޅެން ޖެހުނީ ފުރަތަމަ މެޗު ލިވަޕޫލް ދަނޑުގައި 2-2 އިން އެއްވަރުވުމުންނެވެ. ރޭގެ މެޗުން މޮޅުވުމާ އެކު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ރޭގެ މެޗުން ހަނި މޮޅެއް ހޯދުމުން އެންމެ ބޮޑު އުފަލެއް ލިބުނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށެވެ. މެޗަށް ފަހު ކްލޮޕް ބުނީ ރަނގަޅު ކުޅުމެއް ދައްކައި މެޗަކުން މޮޅުވާތަން ބަލަން ދިގު އިންތިޒާރެއް ކުރި ކަމަށެވެ.

"މޮޅަށް ކުޅެ މެޗަކުން މޮޅުވި ހަނދާން ވަނީ މީގެ އެތައް ދުވަހެއް ކުރިން. މި މެޗުގައި ބުރަކޮށް މަސައްކަތްކޮށް ގިނަ ވަގުތު މެޗު ކޮންޓްރޯލް ކުރިން. އެއީ އަހަރެން ފެންނަން ބޭނުންވާ މަންޒަރަކީ" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ރޭގެ މޮޅަކީ ފީފާ ވޯލްޑް ކަޕަށް ފަހު އިނގިރޭސި ފުޓްބޯޅަ އަލުން ފެށިފަހުން ލިވަޕޫލް މޮޅުވި ތިންވަނަ މެޗެވެ. ބްރޭކަށް ފަހު ލީގު ކަޕްގައި މެންޗެސްޓާ ސިޓީއާ ވާދަކޮށް 2-3 އިން ބަލިވެ ކެޓި އެވެ. އޭގެފަހުން ލިވަޕޫލް މޮޅުވީ ލީގުގައި އެސްޓަން ވިލާ އާއި ލެސްޓާއާ ވާދަކުރި ދެ މެޗުންނެވެ. ލީގުގައި ބްރެންޓްފޯޑް އާއި ބްރައިޓަން އަތުން ވަނީ ބަލިވެފަ އެވެ.

ރޭގެ މެޗަށް ކްލޮޕް ނެރުނު ޓީމުގައި އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ މުހައްމަދު ސަލާހް ހިމަނާފައެއްނުވެ އެވެ. ކުރި ބެލެހެއްޓީ ޒުވާން ފޯވާޑް ފަބިއޯ ކަވާލިއޯ އާއި ކޯޑީ ގަކްޕޯގެ އިތުރުން ހާވީ އެލިއޮޓް އެވެ. މެޗުގެ ހަމައެކަނި ގޯލު 13 ވަނަ މިނެޓުގައި ޖެހީ އެލިއޮޓް އެވެ.

ލިވަޕޫލްގެ އިތުރުން ރޭ ކުޅުނު މެޗުތަކުން މޮޅުވެ އަނެއް ބުރުގެ ފުރުސަތު ހޯދީ ބާމިންހަމް ސިޓީ އާއި ބްރިސްޓަލް ސިޓީގެ އިތުރުން ލޫޓަން ޓައުން އަދި ވެސްޓް ބްރޮމް އެވެ.

ހަތަރު ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ވާދަކުރާއިރު މެންޗެސްޓާ ޔުނައިޓެޑް ކުޅޭނީ ރެޑިންއާ އެވެ. ލިވަޕޫލުން ބްރައިޓަންއާ ދެކޮޅަށް ކުޅޭއިރު، މި މެޗުތައް ކުޅޭނީ މި މަހުގެ ފަހު ހަފްތާގަ އެވެ.