ޔުކްރޭނަށް ޓޭންކް ފޮނުވަން އިނގިރޭސިވިލާތުން ވައުދުވި އަދަދަކީ ނަތީޖާއެއް ނެރެވޭ ވަރަށް މުރެ މާ މަދު އަދަދެއް ކަމަށް އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރު، ބޮބް ސީލީ ވިދާޅުވެއްޖެ އެވެ.
ބޮބް ވިދާޅުވީ ޔުކްރޭނަށް 300 އަށް ވުރެ ގިނަ ޓޭންކް ބޭނުންވާ ކަމަށް ބުނެފައި އޮއްވައި 14 ޓޭންކް ފޮނުވުމުން ހުވަނދަކަށް ވެސް ނުވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ 14 ޓޭންކަރު މައިދާނަށް ނެރުމުގެ ކުރިން ރަޝިއާގެ ރޮކެޓްތަކުން ފުނޑާލާނެ ކަމަށެވެ.
އިނގިރޭސިވިލާތުން ޔުކްރޭނަށް އެހީތެރިވަނީ ނަމެއްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން މިހާރު އޮތް ހާލަތަށް ބަލާއިރު -- ޔުކްރޭނާ މެދު އޮތް ގާތްކަން ދެނެގަނެވޭނީ އެ އެއްޗެއް ފޮނުވާ ނިސްބަތުން ކަމަށެވެ.
ބޮބޮ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ފޮނުވާ ޓޭންކްތަކުން ޔުކްރޭން ސިފައިންނަށް ކޮންމެވެސް ކަމެއް ކުރެވޭނެ އެވެ. އެކަމު އެއީ ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދޭނެ އަދަދެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ހަތިޔާރު ގުދަންތައް އަޑިއަޅަމުން އަންނައިރު ޔުކްރޭނަށް ވީހާވެސް ގިނައިން ހަތިޔާރު ފޮނުވުމަކީ ހަނގުރާމަ ކާމިޔާބު ކުރުމަށް އޮތް އުކުޅެއް ކަމަށް ބޮބް ވިދާޅުވި އެވެ.
މިއީ ރަޝިއާއަށް ފުލުފުލުން ހަމަމާތައް ފޮނުވައި އަސްކަރީ ފައުޖުތައް ކޮށިއަރުވާލަން އޮތް ވަގުތު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ބަރުހަތިޔާރު ފޮނުވުމުގައި އިނގިރޭސިވިލާތުން ގޮތެއް ނުނިންމައި މިހާ ގިނަ ދުވަސް ނެގި ސަބަބަކާ މެދުވެސް ބޮބް ސުވާލު އުފެއްދި އެވެ. އޭނާ ވިދާޅުވީ ރަޝިއާ ދެކެ ބިރުން ތިބެން ހަދައިގެން ހަނގުރާމައަށް ނިމުމެއް ނާންނާނެ ކަމަށެވެ.
ހުޅަނގުން އެކަށީގެންވާ ގޮތުން ޔުކްރޭނަށް އެހިތެރިވެދިންނަމަ ޔުކްރޭނަށް މިހާރު އޮންނާނީ ހަނގުރާމަ ކާމިޔާބުކުރެވިފައި ކަމަށްވެސް ބޮބް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޓޭންކްތައް ފޮނުވުން ރަނގަޅު ކަމަށް ވިދާޅުވެ ބޮބް ވިދާޅުވީ އިނގިރޭސި ސަރުކާރުން ޓޭންކް ފޮނުވަން އިސް ނެގުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހުޅަނގުގެ އެހެން ގައުމުތަކުންވެސް އިނގިރޭސިންގެ ފަހަތުން ޔުކްރޭނަށް ޓޭންކް ފޮނުވާނެ ކަމަށެވެ.