ހަނިމާދޫ

12 އަހަރު ފަހުން ހަނިމާދޫއިން 200 ގޯތި ދޫކޮށްފި

ހދ. ހަނިމާދޫއިން ގޯތި ދޫނުކުރާތާ 12 އަހަރު ފަހުން 200 ގޯތި ދޫކޮށްފި އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ހަނިމާދޫގެ ކައުންސިލް މެމްބަރު ފިރާގު މުހައްމަދު ވިދާޅުވީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅީ ގުރުއަތު ލައިގެން ކަމަށެވެ. އަދި ގުރުއަތުން ހޮވުނު ފަރާތްތަކަށް 200 ގޯތި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މި މަހު 16ގައި ހުރިހާ ލިޔެކިޔުންތަކާއެކު 200 ގޯތި ހަވާލުކޮށްފަ ވާނެ" ފިރާގު ވިދާޅުވި އެވެ.

ގޯތި ދޫކުރުމަށް ހުޅުވާލުމުން ޖުމުލަ 609 މީހުން ފޯމު ހުށަހެޅި ކަމަށް ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ހަނިމާދޫގައި ގޯތި ދޫކުރީ 12 އަހަރު ފަހުން ކަމަށާއި އަދިވެސް ގޯތި ދޫކުރަން ރާވަމުން އަންނަ ކަމަށެވެ. އަދި ހަނިމާދޫގައި ސަރުކާރުން 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށްވެސް ފިރާގު ވިދާޅުވި އެވެ.

ހަނިމާދޫ އިން ގޯތި ދިނުމަށް ނިންމާ ގޯއްޗަށް ކުރިމަތިލުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލީ ފެބްރުއަރީ 20، 2022 އިން މާޗް 31، 2022ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަނިމާދޫއިން ދޫކޮށްފައިވާ 200 ގޯއްޗަކީ 3000 އަކަފޫޓުގެ ގޯތިތަކެކެވެ. މި ގޯތިތައް ދޫކޮށްފައި ވަނީ ރަށުގެ ދެ ސަރަހައްދަކުންނެވެ.

ހަނިމާދޫން ދޫކޮށްފައިވާ 200 ގޯތި ހާއްސަކޮށްފައިވަނީ ހަނިމާދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެއީ ހަނިމާދޫގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންގެ އަދަދު އިތުރުވުމާއެކު އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.