އެމްޑީޕީ

އެއްވެސް ކެންޑިޑޭޓަކަށް ފޮޓޯޖެހި ލިސްޓެއް ނުދެން: އެމްޑީޕީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ، ފޮޓޯ ޖެހި ވޯޓާސް ލިސްޓަކީ އެމްޑީޕީން ކެންޑިޑޭޓަކަށް ދީފައިވާ ލިސްޓެއް ނޫން ކަމުގައި އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަސަން އިބްރާހީމް ވަހީދު އަވަސް އަަށް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ދޫކޮށްފައިވަނީ އެއް ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓުގައި ފޮޓޯ ނުހުންނާނެ ކަން ޔަގީންކޮށްދެއްވި އެެވެ.

"އަޅުގަނޑުމެން ނުވެސް ގެންގުޅެން ފޮޓޯ ޖެހި ލިސްޓެެއް. ދެ ކެންޑިޑޭޓުންނަށް ވެސް ޕާޓީން ދީފައި އޮންނާނީ ހަމަ އެއްލިސްޓެއް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުގެ ފަރާތުން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފޮޓޯ ޖެހި ވޯޓާސް ލިސްޓެއް ގެންގުޅުއްވަނިކޮށް، ސޯޝަލް މީޑިއާގައި ވަނީ ފޮޓޯ ދައުރުވެފަ އެވެ. އެކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީއިން ބުނީ ފޮޓޯއިން ފެންނަ އެލިސްޓަކީ ކޮން ލިސްޓެއް ކަމެއް އެ ޕާޓީއަށް ނޭނގޭ ކަމަށެވެ.

"މެޑަމް ގެންގުޅުއްވާ ކޮންމެ އެއްޗަކީ އަޅުގަނޑުމެނަށް އެނގެންޖެހޭ އެއްޗެއްް ނޫނެއްނޫންތޯ؟ އަޅުގަނޑުމެން ދިން ލިސްޓެއް ނޫން އެފޮޓޯގައި ފެންނަނީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މެމްބާޝިޕް ފޯމުތަކުގައި ފޮޓޯ ޖަހަން ފެށީ ވެސް މިދިޔަ ނޮވެމްބަރުގައި ކަމަށް ވާތީ، އަދި ފޮޓޯ ޖެހި ވޯޓާސް ލިސްޓެއްް އެޕާޓީގައި ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާއިރު ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ.