ފިނިޕޭޖް

ޖެރެމީ ރެނާ ހޮސްޕިޓަލުން ދޫކޮށްލައިފި

މާވެލްގެ ސިނަމެޓިކް ޔުނިވާސްގައި "ހޯކްއައި"ގެ ރޯލް ކުޅެމުން އަންނަ ޖެރެމީ ރެނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޖެރެމީ މިދިޔަ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ މިހާރު ބްރޭން ފޮގް އިން ބޭރުވެ، ރިކަވަރީގައި ގޭގައި ހުރި ކަމަށާއި އޭނާގެ އާއިލާއާއެކު ގޭގައި 201 އެޕިސޯޑް ބަލަން ވަރަށް ކެތްމަދުވެފައިވާ ކަމަށެވެ.

ޖެރެމީ އިޝާރާތްކޮށްފައިވަނީ މި ހަފްތާގައި ރިލީޒްކުރި "މޭޔާ އޮފް ކިންގްސްޓައުން"ގެ ދެވަނަ ސީޒަނަށެވެ. ޖެރެމީ މި ސީރީޒްގައި އަދާކުރަނީ މައިކް މެކްލަސްކީގެ ރޯލެވެ.

މިމަހުގެ އެއްވަނަ ދުވަހު ނެވާޑާގެ ރީނޯ ކައިރި ހުންނަ ޖެރެމީގެ ގޭގެ ބޭރާއި އަވައްޓެރިންގެ ގޭ ދޮށް ސްނޯ ޕްލޯކުރުމުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން އެކްސިޑެންޓްވެ، އަނިޔާވުމުގެ ސަބަބުން ޖެރެމީ ވަނީ ދެ ސާޖަރީ ހަދާފަ އެވެ.

މި އެކްސިޑެންޓްގައި ޖެރެމީ އަށް ލިބުނު އަނިޔާތަކުގެ ތެރޭގައި "ބްލަންޓް ޗެސްޓް ޓްރޯމާ" އާއި ކަށީގެ އަނިޔާތައް ހިމެނެ އެވެ.

ޖެރެމީ ހޮސްޕިޓަލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ފޭނުންނާއި ގާތް އެކްޓަރުންނާއި އެކްޓްރެސް އިން ވަނީ ޖެރެމީއަށް އަވަސް ޝިފާއަކަށް އެދި މެސެޖްތައް ފޮނުވާފަ އެވެ. ޖެރެމީގެ 52 ވަނަ އުފަން ދުވަސް ވެސް ފާހަގަކޮށްފައިވަނީ ހޮސްޕިޓަލްގަ އެވެ.