ދިވެހިރާއްޖެއާއެކު ވިޔަފާރި ކުރުމަށް ކެމްބޯޑިއާ ވަނީ ހުޅުވާލެވިފައި ކަމަށް ކެމްބޯޑިއާގެ ޗެމްބާ އޮފް ކޮމާސްގެ ނައިބް ރައީސް އޮކްނާ ލިމް ހެންގް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އިކޮނޮމިކްސް މިނިސްޓްރީން ބޭއްވި މޯލްޑިވްސް ކެމްބޯޑިއާ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އޮކްނާ ލިމް ވަނީ ރާއްޖެއާ ކެމްބޯޑިއާ އާއި ދެމެދު ސޮއި ކުރެވިގެން ދިޔަ އިކޮނޮމިކް ކޯޕަރޭޝަން އެގްރީމެންޓަށް މަރުހަބާ ދަންނަވާފަ އެވެ.
މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި އިކޮނޮމިކްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވަނީ ބޭއްވިގެން ދިޔަ ބިޒްނަސް ފޯރަމުގެ ސަބަބުން ދެ ގައުމަށްވެސް މުޅިން އާ އިންވެސްޓްމަންޓްތަކަށާއި ޕާޓްނާޝިޕްތައް އާލާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބޭނެކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ކެމްބޯޑިއާ އާއެކު ސޮއިކުރެވިގެން ދިޔަ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސްގެ ސަބަބުން ދެ ގައުމަށްވެސް އިގްތިސާދީ ގޮތުން ފައިދާކުރާނެކަން އިއާދު ފާހަގަކުރެއްވި އެވެ.
ބިޒްނަސް ފޯރަމްގައި ރާއްޖޭގައި އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވާ ފުރުސަތުތައް ދައްކާލެވިފައި ވެއެވެ. އަދި ކެމްބޯޑިއާގެ ބިޒްނަސް ޑެލިގޭޝަންގެ ފަރާތުން ލިބެން ހުރި ޕާޓްނާޝިޕްގެ ފުރުސަތުތައް އޮތް ދާއިރާތައްވެސް މި ފޯރަމްގައި ދައްކާލެވިފައި ވެއެވެ.
މި ފޯރަމް ނިންމާލާފައިވަނީ ބިޒްނަސް ޑެލިގޭޓަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާއަކުންނެވެ. މި މަޝްވަރާގައި ދެފަރާތުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ހުށަހެޅުންތައް ހުށަހެޅުމުގެ ހުއްދަ ބިޒްނަސް ޑެލިގޭޓަރުންނަށް ލިބުނެވެ.