ކުޅިވަރު

ކޯޗުކަމުން ވަކިކުރިތާ ދެ ދުވަސް ފަހުން އަލުން މަގާމް ދީފި

އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ ސެލާނިޓާނާގެ ކޯޗުކަމުން ޑޭވިޑް ނިކޯލާ ވަކިކުރިތާ ދެ ދުވަސް ފަހުން އޭނާ އަށް އަލުން އެ މަގާމް ކްލަބުން ދީފި އެވެ.

ނިކޯލާ ސެލާނިޓާނާގެ ކޯޗުކަމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހު އިޓާލިއަން ލީގުގައި އެޓަލާންޓާ ރަށުން ބޭރުގައި 2-8 އިން ބަލިވި މެޗަށް ފަހު އެވެ.

މަގާމުން ވަކިކުރިތާ ދެ ދުވަސް ފަހުން، އިއްޔެ ކޯޗުކަން ހަވާލުކުރުމަށް ފަހު ކްލަބުގެ ރައީސް ޑެނީލާ ލާވޮލީނޯ ވިދާޅުވީ ނިންމުން ބަދަލުކުރީ ނިކޯލާއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސް ރަނގަޅު އެތައް ހާސް ކަމެއް ފާހަގަކުރެވުމުން ކަމަށެވެ.

"މީހަކު ތިމާ ދެކެ ލޯބިވާވަރު އެނގޭނީ އެމީހަކު ތިމާ ދޫކޮށްލީމަ" ދެ ދުވަސް ފަހުން ނިކޯލާއާ ކޯޗުކަން ހަވާލުކުރި ސަބަބު ތަފްސީލުކޮށްދެމުން ކްލަބުގެ ރައީސް ވިދާޅުވި އެވެ.

ލާވޮލީނޯ ވިދާޅުވީ ކޯޗަށް އަލުން ފުރުސަތު ދިނުމަކީ ކްލަބާއި ކުޅުންތެރިން އަދި އެހެން ހުރިހާ ކަމަކަށް ބަލާއިރު ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެފަދަ ލަދުވެތި ނަތީޖާއަކުން ދެން ބަލިނުވާނެ ކަމަށް އުއްމީދުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނިކޯލާ ސެލާނިޓާނާގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު އެވެ. އޭނާ ޓީމާ ހަވާލުވިއިރު ސެލާނިޓާނާ އޮތީ ރެލިގޭޝަނުގަ އެވެ. އެކަމަކު ޓީމާ ހަވާލުވުމަށް ފަހު ކުޅުނު 15 މެޗުން 18 ޕޮއިންޓް ހޯދައި އެޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދިނެވެ. އޭގެފަހުން ސެލާނިޓާނާގެ ކޯޗުކަމުގައި އިތުރު ދެ އަހަރު މަޑުކުރަން ނިކޯލާ ނިންމީ މިދިޔަ ޖޫން މަހު އެވެ.

ދެ ދުވަސް ފަހުން އަލުން ފުރުސަތު ދިނުމުން ނިކޯލާ ވަނީ އެ ކްލަބަށް ޝުކުރުއަދާކޮށްފަ އެވެ.

"އިތުބާރާއި ލޯތްބާ އެކު މީގެ ބަދަލު އަހަރެން ދޭނަން. އަހަރެމެންގެ އަމާޒަށް ވާސިލްވާން ގިނަ ދުވަސްތަކެއް ވަންދެން ބުރަކޮށް މަސައްކަތްކުރަންޖެހޭ" ޓީމާ އަލުން ހަވާލުވުމަށް ފަހު ކޯޗު ބުންޏެވެ.

ސެލާނިޓާނާގެ ކޯޗުކަމުގައި އެންމެ އަވަހަށް ނިކޯލާ ނުކުންނާނީ ލީގުގައި ނަޕޯލީއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނަޕޯލީ އަކީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ.

18 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ސެލާނިޓާނާ އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. މި ސީޒަނުގެ ލީގުގައި އެޓީމަށް ލިބުނީ ހަތަރު މޮޅެވެ. ހަ މެޗު އެއްވަރުވިއިރު އަށް މެޗުން ވަނީ ބަލިވެފަ އެވެ.